8 މާރިޗު، 2022، ބ. ކިހާދޫ: ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބ.ކިހާދޫގެ އަންހެނުން އެރަށު އީކޯ ސެންޓްރޯ ހިންގުމާއި ހަވާލުވެއެއްޖެއެވެ.
އީކޯ ސެންޓްރޯގެ މެނޭޖްމަންޓާއި، އޮޕަރޭޝަންސްގެ ހުރިހާ މަސައްކަތެއް މިދުވަހު ކުރިއަށް ގެންދިޔައީ ކިހާދޫގެ އަންހެނުންނެވެ. މީގެ އިތުރުން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަށް ދަރަވަންދޫ، ދޮންފަނު، ކަމަދޫ، ކުޑަރިކިލު އަދި ކެންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކައުންސިލް މެންބަރުން ވެސް ކިހާދޫއަށް ވަޑައިގެންނެވި އެވެ.
ކިހާދޫގެ 26 ޒީރޯ ވޭސްޓް ޗެމްޕިއަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މިހަރަކާތުގެ މަގުސަދަކީ ހައުސް ހޯލްޑް ވޭސްޓް ސެގްރެގޭޝަން ނުވަތަ ގޭބީސީތަކުގައި ކުނި ވަކިކުރާނެ ގޮތާއި، ހަރުދަނާ ގޮތެއްގައި ކުނި މެނޭޖްކުރުމާއި، ޕްރޮފެޝަނަލް ވޭސްޓް މެނޭޖްމަންޓްގެ ކެރިއަރއަކަށް ޝައުގުވެރިވާ އަންހެނުންނަށް މިމަސައްކަތް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ސޮނޭވާ ނަމޫނާގެ އެއްބާރުލުމާއެކު ހަދާފައިވާ އެ ރަށުގެ އީކޯ ސެންޓްރޯއަކީ ކުނި ޕްރޮސެސް ކުރުމަށް ވަރަށް ފުރިހަމައަށް އިންތިޒާމުކުރެވި، ކުނި މެނޭޖްކުރުމަށް ބޭނުންވާނެ މެޝިނަރީ އާއި އެއްކޮށް ތައްޔާރުކުރެވިފައިވާ ކުނި މެނޭޖްކުރާ ސެންޓަރެކެވެ. މިގޮތުން ކުނި ކޮމްޕެކްޓް ކުރާ މެޝިނާއި މޯބައިލް ގްލާސް ކްރަޝަރސްގެ އެހީގައި ކުނިން ނަގާ ޖާގަ ދިހަ ގުނައަށް ކުޑަކޮށްދީ ކުނި މެނޭޖްކުރުމުގައި އެހީތެރިވެދެއެވެ.
މިހަރަކާތް ރޭވި 26 ޒީރޯ ވޭސްޓް ޗެމްޕިއަނުންނަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކިހާދޫގައި ތަފާތު އިވެންޓްތައް ރާވައި ކުރިއަށް ގެންދާ ވޮލިއުންޓަރީ ގްރޫޕެކެވެ. އަދި ކުނި މެނޭޖް ކުރުމުގެ ކަންކަމުގައި ކިހާދޫގެ މުޖުތަމަޢު އާއި ރަށު ކައުންސިލާއި ޒީރޯ ވޭސްޓް ޗެމްޕިއަނުން ގުޅުވާދެއެވެ.
"މިއަދު އީކޯ ސެންޓްރޯގައި މަސައްކަތް ކުރަމުން ދިޔައިރު ވަރަށް ގިނަ އެއްޗެހި ދަސްވި. އަޅުގަނޑުމެން މިސާބިތުކޮށްދިނީ، ކޮންމެ މީހަކަށްވެސް މިބާވަތުގެ މަސައްކަތެއް ކުރެވިދާނެކަން. މިފަދަ ފުރުސަތުތައް ފަހިވުމަކީ، ޒުވާން އަންހެނުންނަށް އެމީހުން ކުރިއަށް ދާން ބޭނުންވާ ކޮންމެ ދާއިރާއެއްގައިވެސް މަސައްކަތްކޮށް ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއް،" މި ހަރަކާތުގެ ބައިވެރިއެއް ކަމަށްވާ ރަތީބާ މޫސާ ބުންޏެވެ.
"ކިހާދޫގެ ޒީރޯ ވޭސްޓް ޗެމްޕިއަނުންގެ އިސްނެގުމާއެކު މިފަދަ ހަރަކާތްތައް ކިހާދޫގައި ކުރިއަށް ގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިވަގުތު ކިހާދޫގައި މިތިބީ އެންމެ 26 ޒީރޯ ވޭސްޓް ޗެމްޕިއަނުންކަމުގައި ވިއަސް އެބޭފުޅުން އެގެންދަވަނީ މުޅި ކިހާދޫގެ މުޖުތަމަޢުވެސް ޒީރޯ ވޭސްޓް ޗެމްޕިއަނުންނަށް ބަދަލުވުމަށް ނަމޫނާ ދައްކައިދީ ހިތްވަރުދެމުން. މި ހަރަކާތުން އަޅުގަނޑުމެންނަށް ފެންނަމުން މިދާ މަންޒަރަކީ، މުޖުތަމަޢު ކުންޏާ ދޭތެރޭ ދެކޭގޮތް ބަދަލުވާލަތަން. އަޅުގަނޑުމެންގެ އުންމީދަކީ ގައުމީ ފެންވަރުގައިވެސް މިފަދަ ބަދަލެއް އައުން،" ސޮނޭވާ ނަމޫނާ އޮޕަރޭޝަންސް އެންޑް ކޮމިއުނިޓީ އެންގޭޖްމަންޓްގެ ޑިރެކްޓަރު ކަތަރްޒިނާ މާރިއާ އިޒިޑޯރިކްޝެކް (ކޭޝް) ވިދާޅުވި އެވެ.