ވިޔަފާރިކުރުމުގެ ޙައްޤު އަންހެނުންނަށް ލިބިގެންވެއެވެ. މިއުންމަތުގެ މައިކަނބަލުންގެތެރެއިން ޚަދީޖަތުގެފާނަކީ ވިޔަފާރިކުރެއްވުމުގައި އެންމެ އަރައި އިންނެވި ބޭކަނބަލެކެވެ. ކުޅަދާނަވިޔަފާރިވެރިއެކެވެ.
އަންހެނުން ވަނީ ފިރިހެނުންނަށް އުނގަންނައިދީފައެވެ. ރަސޫލް ﷺ ސުވަރުގެވަޑައިގަތުމުން ދީނުގެ އެތައްކަމެއް ޞަޙާބީންނަށް އޮޅުންފިލުއްވަވައި ދެއްވެވީ މިއުންމަތުގެ މައިކަނބަލުންގެތެރެއިން ޢާއިޝަތުގެފާނެވެ.
ރަސޫލް ﷺ އަށް ކަންކަން ބޮޑުފުޅުވެލައްވަވާ ހިނދު އެކިއެކި އަނބިއަނބިކަބަލުން ދެއްވެވި ލަފާފުޅާ އިރުޝާދުފުޅުތައް އެކަލޭގެފާނު ޤަބޫލުފުޅު ކުރެއްވެވިއެވެ. އަދި އެބޭކަނބަލުން ދެއްވެވި އިރުޝާދުފުޅުތަކަށް އަމަލުފުޅު ކުރެއްވެވުމުން ބޮޑެތި އެތައް މައްސަލަތަކެއް ޙައްލުވެގެން ދިއަކަން ސިޔަރަތުން ސާބިތެވެ.
އެތައް ބޭކަނބަލުން ޙަދީޘް ރިވާކުރެއްވެވިއެވެ. އެ ޙަދީޘްފުޅުތަކަށް މުސްލިމުން މިއަދުވެސް މިގެންދަނީ ޢަމަލުކުރަމުންނެވެ.
މިބަޔާންކޮށްލީ ވަރަށް ކުޑަ މިންވަރެކެވެ. އެހެނަސް ވިސްނައިފި މީހަކަށް ވަރަށް ބޮޑު ޢިބްރަތަކަށްފުދޭނެއެވެ. އިން ޝާ ﷲ މިބަޔާންކުރެވުނު ކަންކަމުގެ ޢިލްމުވެރިން ވަނީ އެތައް ބައިވަރު ބޮޑެތި ފޮތްތައްވެސް ލިޔުއްވައިފައެވެ.
ވީމާ އިސްލާމް ދީނުގައި އަންހެނުންނަށް އެއްވެސް މަޤާމެއް، ދަރަޖައެއް ނެތްކަމަށް ބައަކު ބުނިނަމަވެސް އެއީ ބޮޑު ދޮގެކެވެ! އޮޅުވައިލުމެކެވެ.