ތިއަހުރެވެނީ އަބޫޖަހުލުގެ ފިކުރުގަތަ؟ ދުނިޔެވެސް އާޚިރަތްވެސް ކާމިޔާބުކުރެވޭނީ އަބޫޖަހުލުގެ ފިކުރުން ސަލާމަތްވެހުރެވުނު މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ތިއަހުރެވެނީ އަބޫޖަހުލުގެ ފިކުރުގަތަ؟ ދުނިޔެވެސް އާޚިރަތްވެސް ކާމިޔާބުކުރެވޭނީ އަބޫޖަހުލުގެ ފިކުރުން ސަލާމަތްވެހުރެވުނު މީހަކަށް!

އަބޫޖަހުލު ބަލާށެވެ! އިސްލާމް ދީނަކީ ޙައްޤު ދީންކަން އަބޫޖަހުލަށް ހަމަ ރަނގަޅަށް އެނގެއެވެ. ރަސޫލް (ﷺ) އެއްވެސް ޙާލެއްގައި އިތުރުފުޅެއް ނުހައްދަވާނެކަންވެސް އަބޫޖަހުލަށް ޔަޤީން ކުރެވެއެވެ. "މިފަރުބަދައިގެ އެފަރާތުން ހަނގުރާވެރި އެބަ އަންނަ ކަމަށް ޙަދީޘްފުޅު ކުރައްވަވައިފިނަމަ ތިއަބައިމީހުން ތިމަންކަލޭގެފާނުގެ ބަސްފުޅު ޤަބޫލުކުރާނަންތޯ" ސުވާލު ކުރެއްވެވުމުން ރަސޫލް (ﷺ) ގެ އެއްވެސް ބަސްފުޅެއް ދޮގަކަށް ނުވާނެ ކަމަށް ފުރަތަމަ ބުނީވެސް އަބޫ ޖަހުލެވެ. ނަމަވެސް ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށާއި ބުދުތަކަށް އަޅުކަން ނުކުރަން ޙަދީޘްފުޅު ކުރެއްވެވުމުން އެކަމަށް ފުރަތަމަ އިންކާރުކުރީވެސް ހަމަ އަބޫޖަހުލެވެ. އެއްތަނެއްގައި އެއް ފިޔވަޅުމަތީގައި ހުރެގެން އެއް ވަގުތަކުއެވެ.

އަބޫޖަހުލުގެ ކަންބޮޑުވުމަކީ އޭނާ އިސްލާމް ވެއްޖެ ނަމަ އޭނާ މީސްތަކުންގެ މުދައުތައް ފޭރި އެކަމުން މުއްސަނދިވާ މުއްސަނދިވުން ނިމިގެންދާނެތީއެވެ. އޭނާ ކުރަން ބޭނުންވާހައި ކަމެއް ނުކުރެވޭނެތީއެވެ.

ޙައްޤު ބަސް ބުނުމުން މިއަދުވެސް ބައަކު ދެކޮޅު ހަދަނީ ހަމަ އެސަބަބަށްޓަކައެވެ. ޙައްޤުބަސް ބުނާ މީހުން ދެކެ ރުޅި އަންނަނީވެސް ހަމަ އެ ސަބަބަށްޓަކައެވެ.

ބައަކު ކިތަންމެ ވަރަކަށް ރުޅި އައި ނަމަވެސް ޙައްޤު ބަސް ބުނުން ހުއްޓައިނުލާށެވެ! ސާބިތުކަމާއިއެކު ޙައްޤުބަސް ބުނަމުން ގެންދާށެވެ! އެބަސްތަކުގެ އަޑު އިވި އެންމެ މީހަކު އިސްލާޙްވި ނަމަވެސް އެކަމުގެ ފައިދާ އެއޮތީ ލިބިފައެވެ. އެމީހަކަށް އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ކުރާނެއެވެ! އިން ޝާ ﷲ. ހަމަ އެއާއިއެކު އެންމެ މީހަކު ޤަބޫލު ނުކުރި ނަމަވެސް ޙައްޤު ބަސް ބުނަމުން ގެންދާށެވެ! ޙައްޤު ބަސް ބުނިކަމުގެ ސަވާބު އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ.

ޙައްޤު ބަސް ބުނާނަމަ ރުޅި އަންނާނެ ބައަކު އަބަދުވެސް ތިބޭނެއެވެ. ޙައްޤު ބަސް ބުނުމުން ރުޅިއަނންނަނީ އެއީ ޙައްޤު ބަސްކަން ނުއެނގޭތީއެއް ނޫނެވެ. ރުޅިއަންނަނީ މީސްތަކުން އިޞްލާޙްވެ ނުބައި އަމަލުތައް ނުކުރާނަމަ އެކަމުގެ ސަބަބުން އެމީހުންނަށް ކުރަމުން އަންނަ ދުނިޔަވީ ފައިދާތައް ނުލިބިދާނެތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން