ތިމާއަށް އެންމެ ހެޔޮ އެދޭމީހަކީ ކާކުކަން ދެނެގަންނާނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ތިމާއަށް އެންމެ ހެޔޮ އެދޭމީހަކީ ކާކުކަން ދެނެގަންނާނީ ކިހިނެއްތަ؟

އެންމެ އަގުހުރި ވަގުތަކީ އެމީހެއްގެ ނަފުސް އިޞްލާޙްކުރުމާއިމެދު، ނަފުސުގައި ހުރި އިޞްލާޙްކުރަން ޖެހޭ ކަންތައްތައް އިޞްލާޙްކުރުމާއިމެދު ވިސްނަން ހޭދަކުރެވޭ ވަގުތެވެ. އެންމެ ބޭކާރު ވަގުތަކީ ތިމާއަށް ކުރެވޭ ކުށްތައް އެއީ ރަނގަޅު ކަންކަން ކަމުގައި ދައްކުވަން ހޭދަކުރެވޭ ވަގުތެވެ. އެންމެ ބޮޑު ބުއްދިވެރިއަކީ އެމީހަކަށް ކުރެވޭ ކުށްތަކާއިމެދު އަމިއްލައަށް ވިސްނައި އެކަންކަން އިޞްލާޙްކުރަން މަސައްކަތްކުރާ މީހާއެވެ.

ތިމާއަށް އެންމެ ހެޔޮ އެދޭމީހަކީ ތިމާގެ ކިބައި ހުރި އުނިސިފަތައް ދައްކައިދީ އިޞްލާޙްކުރަން މަސައްކަތްކުރާ މީހާއެވެ. ތިމާއަށް ކުރެވޭ އުނި ކަންތައްތައް ދިފާޢުކޮށް އެއީ ރަނގަޅު ކަންކަން ކަމުގައި ދައްކާ މީހުންނަކީ އެންމެ ބޮޑެތި ދުޝްމިނުންނެވެ. އެއީ އެންމެ ހެޔޮ އެދޭ މީހުން ކަމުގައި ދެކޭ މީހަކަށް ދުވަހަކުވެސް އިޞްލާޙެއް ނުވެވޭނެއެވެ.

ޚުޝާމަދު ކުރުމަކީ މީހަކަށް ދެވޭ އެންމެ ބޮޑު އަނިޔާ ކަމަށްވެސް ވެދާނެއެވެ. ޚުޝާމަދުކުރުން ބަލައިގަންނަ ނމަ އެބަލައިގަނެވެނީ އެންމެ ބޮޑު އަނިޔާވެރިކަމެވެ. ޚުޝާމަދުކުރުން ބަލައިގަތުމުން އެ ބަލައިގަނެވެނީ ތިމާއަށް ކުރެވޭ އެންމެ ބޮޑު އަނިޔާއެވެ.

"ތިމަން ކަލޭގެފާނަށް ހެޔޮ އެދޭނަމަ ޚުޝާމަދު ކުރުމުގެ ބަދަލުގައި ކުރެއްވޭ އުނި ކަންކަން ދައްކައިދީ އިޞްލާޙްކުރަން މަސައްކަތްކޮށްދިނުމަށް" ޢުމަރުގެފާނު އެދިވަޑައިގަތީ މި ސަބަބަށްޓަކައެވެ.

މީސްތަކުންނޭވެ! އަބަދުވެސް މިފެންނަނީ އެހެން މީހުންގެ ކުށްތައް ދައްކަން މަސައްކަތް ކުރެވޭ ތަނެވެ. މަދު މީހަކު ނޫނީ އެމީޙަކަށް ކުރެވޭ ކުށްތަކާއިމެދު ވިސްނައިވެސް ނުލައެވެ. މިއީ ވަރަށް ދެރަ އަދި ނިކަމެތި ކަމެކެވެ. އެންމެ ފުރަތަމަ މަސައްކަތްކުރަންވީ ތިމާ އިޞްލާޙްވުމަށެވެ. އެހެން މީހުން އިޞްލާޙް ކުރުމުގެ މަސައްކަތް ގެންނަން ޖެހޭނީ އެއިގެ ފަހަތުންނެވެ.

އިޞްލާޙަށް ގޮވައިލުމަކީ ހަމަ ވަރަށް ރަނގަޅު އަމަލެކެވެ. ކޮންމެ މީހަކުވެސް އެކަމަށް ގޮވާލަން ޖެހޭނެއެވެ. ނަމަވެސް ފުރަތަމަ އެކަމުގައި ތިމާއަކީ ނަމޫނާއެއްކަން އެހެން މީހުންނަށް ދައްކައިދޭން ޖެހޭނެއެވެ. މީސްތަކުން އެމީހެއްގެ ވާހަކަތައް ބަލައިގަންނާނީވެސް އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން