މާރިޔަތުލް ޤިބްޠިއްޔާ 8: ރަސޫލާއަށްފަހު މާރިޔާގެ ދިރިއުޅުއްވުން ހުރި ގޮތާއި އެކަމަނާ އަވަހާރަވުން

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 4ސ
މާރިޔަތުލް ޤިބްޠިއްޔާ 8: ރަސޫލާއަށްފަހު މާރިޔާގެ ދިރިއުޅުއްވުން ހުރި ގޮތާއި އެކަމަނާ އަވަހާރަވުން

މާތް ރަސޫލާ އަށް ފަހު: 

ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އަށްފަހު، السّيّدة مارية القبطيَّة رضى اللّـه عنــها އުޅުއްވަމުން ގެންދެވީ ނުހަނު ހަނުހިމޭން ދިރިއުޅުއްވުމެކެވެ. އެކަމަނާގެ ދުވަސްތައް އާރާސްތު ކުރައްވަމުންގެންދެވީ އެކަމަނާގެ އަވަހާވި ދަރިކަލުންނާއި އެކަމަނާއަށް ނުހަނު އޯގާތެރިކޮށް ހިއްތެވި ސާހިބާގެ ހަނދާންތަކުންނެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގަތުމަށްފަހު މުސްލިމުގެ ފުރަތަމަ ޚަލީފާއަކަށް އިސްކުރެވުނު أمير المؤمنين أبوبكر الصّدّيق رضى اللّـه عنه، السّيّدة مارية القبطيَّة رضى اللّـه عنــها އަށް ނުހަނު ކަމޭހިއްތެވިއެވެ. ހެޔޮފުޅުކޮށް ހިއްތެވިއެވެ.

أمير المؤمنين أبوبكر الصّدّيق رضى اللّـه عنه، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އޭރު ދުނިޔޭގައި ތިއްބެވި ނުވަ އަނބިކަނބަލުންގެ ޚަރަދުބަރަދު ބައިތުލްމާލުން ހަމަޖައްސަވައިދެއްވަމުން ގެންދެވިއެވެ. ހަމައެހެންމެ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މުލްކުލް ޔަމީން السّيّدة مارية القبطيَّة رضى اللّـه عنــها ގެ ޚަރަދުބަރުދެއްވައި އެކަމަނާ އިންނަވާނެތަނާއި ކާބޯތަކެތި ފޯރުކޮށްދެއްވަމުން ގެންދެވިއެވެ. 

أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އަވަހާރަވުމަށްފަހު މުސްލިމުންގެ ޚަލީފާއަކަށް އިސްކުރެވުނީ أمير المؤمنين عمر الفاروق رضى اللّـه عنه އެވެ. أمير المؤمنين عمر الفاروق رضى اللّـه عنه ގެ ޚިލާފަތުގައި އެކަލޭގެފާނުވެސް، أبوبكر الصّدّيق رضى اللّـه عنه އެކޭ އެއްފަދައިން مارية القبطيَّة رضى اللّـه عنــها ގެ ކަންތައްތައް ހަމަޖައްސަވައިދެއްވައި އެކަމަނާގެ ޚަރަދު ބަރަދުގެ ކަންތައްތައް އިންތިޒާމު ކުރެއްވިއެވެ. 

އަވަހާރަވުން: 

ދީންވެރި ދިރިއުޅުއްވުމެއް އުޅުއްވުމަށްފަހު، السّيّدة مارية القبطيَّة رضى اللّـه عنــها، މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވީ ހިޖުރައިން ސޯޅަވަނަ އަހަރުގެ މުޙައްރަމު މަހުގެ ތެރޭގައެވެ. أمير المؤمنين عمر الفاروق رضى اللّـه عنه ގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. އެކަމަނާ އަވަހާރަވުމުން، أمير المؤمنين عمر الفاروق رضى اللّـه عنه މުސްލިމުންނަށް އެކަން އެންގެވިއެވެ. ޞަޙާބީންގެ ތެރެއިން މުހާޖިރުންނާއި އަންޞާރުންގެ ވަރަށް ގިނަ ޢަދަދެއްގެ ބޭކަލުން އެކަމަނާގެ ޖަނާޒާގެ ކަންތައްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

السّيّدة مارية القبطيَّة رضى اللّـه عنــها ގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ ޚުދު أمير المؤمنين عمر الفاروق رضى اللّـه عنه އެވެ. އެކަމަނާ ފަސްދާނުވެޑުވިފައިވަނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ. ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުން ފަސްދާނުވެޑުވިފައިވާ ސަފުގައެވެ. 

އަރަހުށި މާތްﷲ، السّيّدة مارية القبطيَّة رضى اللّـه عنــها އަށް ރުއްސުންލައްވާށިއެވެ. 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން