ރައިޙާނާ ރަޟިޔަﷲ ޢަންހާ
ނަންފުޅާއި ނަސަބުފުޅު:
السّيّدة ريحانة رضى اللّـه عنــها އަކީ، ނަސްލީގޮތުންނާއި އިޢުތިޤާދުގެ ގޮތުން ޔަހޫދީއެކެވެ. ޢިލްމުވެރިންގެ މެދުގައި އެކަމަނާގެ ނަންފުޅާއި ނަސަބުފުޅާމެދު ވަރަށް ގިނަ އިޚްތިލާފުތައް އުފެދިފައިވެއެވެ. އެކަމަނާގެ ވަންހައާ މެދުގައިވެސް ހަމަ އެފަދަމެއެވެ. އިބްނު އިސްޙާޤު ބުރެވެވަޑައިގަންނަވަނީ އެކަމަނާއަކީ قُرَيْظَة ވަންހައިގެ ބޭކަނބަލެއްކަމުގައެވެ.
ނަމަވެސް އަލްއިމާމުލް ވާޤިދީއާ ޙަވާލާދެއްވައި އިބްނު ސަޢުދު ވިދާޅުވަނީ އެކަމަނާއަކީ بَنِي النَّضِيرِ ވަންހައިގެ ބޭކަނބަލެއްކަމުގައެވެ. އެކަމަނާގެ ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވީ قُرَيْظَة ވަންހައިގެ މީހަކާކަމުގައެވެ. މިދެންނެވި ރިވާޔަތްތަކާއި އޭގެ އިތުރު އެހެން ރިވާޔަތްތައް ބައްލަވައި ތަޙްޤީޤު ކުރެއްވުމަށްފަހު، އިބްނު ޢަބްދިލް ބައްރު ވިދާޅުވަނީ، ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ، السّيّدة ريحانة އަކީ قُرَيْظَة ވަންހައިގެ ބޭކަނބަލެއްކަމުގައެވެ.
ޢިލްމުވެރިން السّيّدة ريحانة رضى اللّـه عنــها ގެ ނަސަބުފުޅު ތަފާތުގޮތް ގޮތަށް ބަޔާންކޮށްފައި ހުރެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެކަމަނާގެ ފުރިހަމަ ނަންފުޅަކީ ريحانة بنت شمعون بن زيد ކަމުގައެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ رَيْحَانة بنت زيد بن عمرو ކަމުގައެވެ.
އިބްނު އިސްޙާޤު ރިވާކުރައްވައިފައިވާ ރިވާޔަތެއްގައި އެކަމަނާގެ އަސްލުނަންފުޅެއްކަމުގައި ވިދާޅުވެފައިވަނީ رَيْحَانَةُ بِنْتُ عَمْرِو بْنِ خُنَافَة ކަމުގައެވެ. އިބްނު ސަޢުދު ރިވާކުރައްވައިފައިވާ ގޮތުގައި އެކަމަނާގެ ނަސަބުފުޅުގެ ސިލްސިލާއަކީ، رَيْحَانَةُ بِنْتُ زَيْدِ بْنِ عَمْرِو بْنِ خُنَافَةَ بْنِ شَمْعُونَ بْنِ زَيْد އެވެ.
السّيّدة ريحانة رضى اللّـه عنــها އުފަންވެވަޑައިގެންނެވީ ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމުގެ ކުރިން މާތްވެގެންވާ މަދީނާގައެވެ.
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް