މީސްތަކުންނޭވެ! އެ 3 ޒުވާނުން ސަލާމަތްކަން ހޯދަން ފަރުބަދައިގެ ހޮހޮޅައަށް ވަންވަގުތު ބޮޑު ހިލައެއް ފުރޮޅެމުން އައިސް ހޮހޮޅައިގެ ދޮރުމަތި ބަންދުކޮށްލިވަގުތު ހަނދުމަކުރާށެވެ! ކުރެވޭނެ އެއްވެސް ކަމެއް ނެތް ވަގުތު އެމީހުން ކަންބޮޑުވާނެ މިންވަރު ހިތަށް ގެންނާށެވެ! އެ ވަގުތުވެސް އެ ބޮޑު ހިލަ ދުރައްޖައްސައިލި އެއް ސަބަބަކަށްވީ އެތަނުން އެކަކު މައިންބަފައިންނަށްވެފައިވާ ޤުރްބާނީއެވެ. ޢަޅައިލިވަރެވެ. މި އީ އެންމެން ވަރަށް ފަރިތަ ޙަދީޘްފުޅެކެވެ.
މިހާރަކަށް އައިސް ކިތަންމެ ކުޑަކުޑަ މުޞީބާތެއް ކުރިމަތިވި ނަމަވެސް ބައެއް މީހުން އެންމެ ފުރަތަމަ ކުރާ އެއްކަމަކަށް ހަދަނީ މައިންބަފައިންނާއި ދުރުހެލިވުމެވެ. މައިންބަފައިންނާއިމެދު ފަރުވާ ކުޑަކުރެވުމެވެ. ނަމަވެސް އެއީ ވަރަށް ނުބައިކޮށް ކުރެވޭ ކަމެކެވެ.
މުޞީބާތްތައް އިތުރުވާވަރަކަށް މައިން ބަފައިންނަށް ހެޔޮކޮށް ހިތުން އިތުރުކުރާށެވެ! އަޅައިލާ މިނަވރު ބޮޑުކުރާށެވެ! އެކަން ވެގެންދާނީ މުޞީބާތްތަކުން އަރައިގަތުމަށް ލިބޭ ރަނުގެ ފުރުޞަތަކަށެވެ. މައިންބަފައިންނަށް ލޯބި ދިނުމާއި އެހީތެރިކަން އިތުރުކުރުމުން އެމީހަކަށް ކުރިމަތިވެފައިވާ މުޞީބާތުން އަރައިގަތުމަށް މަގުފަހިވެގެންދާކަން އެއީ ގިނަ ބައަކު ކޮށްފައިވާ ތަޖުރިބާއެކެވެ.
މުޞީބާތެއް ކުރިމަތިވުމުން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ހެޔޮ އަމަލުތައް ކުރުން ގިނަކުރުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތް ކުރުމަށެވެ. އެގޮތުން ބެލި ނަމަވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި އަޅައިލުމަކީ އަދި ލޯބި ދިނުމަކީ އެކަންކަމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ކަންކަމުގެ ތެރެއިން ހިމެނިގެންވާ ކަންކަމެވެ. އަދި އެންމެ ފަސޭހައިން ކުރެވެން އޮތް ވެސް އެއްކަންތަކެވެ.
ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށް އެދޭ މީހާ އެންމެ ހިނދުކޮޅަކަށްވެސް މައިންބަފައިންނާއި ދުރުވެގެން ނުވާނެއެވެ. މާނައަކީ މައިންބަފައިންނަށް ލޯބި ދިނުމާއި އަޅައިލުން ދިނުމާއި އެހީތެރިވުން ފަދަ އެއްވެސް ކަމެއް ކުރުން ހުއްޓާލައިގެން ނުވާނެއެވެ. އެކަމަށް ފަރުވާކުޑަކޮށްގެން ނުވާނެއެވެ. ވީމާ މިއީ ހަމަ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއް ކަންތައް ކަމުގައި ދެކެމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން