ބާރަ މިލިއަނަށްވުރެ ގިނަރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ބާރަ މިލިއަނަށްވުރެ ގިނަރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަނެފި

ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމުން ބުނެފައިވަނީ މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން 2022 މާރިޗު 1 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ބާވަތެއް ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމް.ޑީ.އެމް.އޭ.  (MDMA – 546grams) އަދި މެފެޑްރޯން (Mephedrone – 585grams) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އަދި 2022 މާރިޗު 6 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން  (Cocaine – 2.228kgs) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ކަސްޓަމުން ބުނެފައިވަނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.359 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 12,953,500.00 (ބާރަ މިލިއަން ނުވަސަތޭކަ ފަންސާސް ތިންހާސް ފަސްސަތޭކަ) ރުފިޔާއަށް އަރާކަމަށާއި މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކުރެވިފައިކަމަށެވެ.

މިދިޔަ ޖަނަވަރީ މަހު ފަހުކޮޅު ކަސްޓަމްސްގައިވަނީ މަސްތުވާތެކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށް ސްޕެޝަލް އޮޕަރޭޝަންސްގެ ޓެކްޓިކަލް ޓީމެއް ތައާރަފްކުރެވި މާލެއާ ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.

 

 

މިއަދު އޮންލައިން