އުރީދޫ މަސްރޭހުގެ 11 ވަނަ ސީޒަންގައި ބައިވެރިވުމުގެ ފުރުސަތު މިއަދު، 17 މާރިޗް 2022 ގައި އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ. މި އިވެންޓްގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އުރީދޫ މަސްރޭހަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހު އުރީދޫ މޯލްޑިވްސްއިން ބާއްވާ މަސްބޭނުމުގެ މުބާރާތެކެވެ. މި މަސްބޭނުމުގެ މުބާރާތަށް ވަނީ ބޮޑު ތަރުހީބެއްލިބި ދިވެހިންގެ ރޯދަމަހުގެ ބަޔަކަށްވެފައެވެ. ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާއިއެކު ޓީމް ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ކުރެވޭނެ ކަމަކަށްވެފައެވެ. މުޅި ރޯދަމަހަށް ބަހާލެވިގެން ކުރިޔަށް ގެންދާ މި މުބާރާތަކީ އާއްމުކޮށް ފަރު މަސް ބާނާ މުބާރާތެކެވެ.
މިކަމާގުޅިގެން އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ "ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މަސްރޭސްގެ 11 ވަނަ ސީޒަން އަޅުގަނޑުމެން މި އިއުލާން ކުރީ ނުހަނު އުފަލާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މަސްބޭނުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގްސަދުގައި. މަސްރޭސް މިވަނީ ރައްޓެހިންނާއި އާއިލާ އަދި އެކުގައި މަސައްކަތް ކުރާ ބޭފުޅުންނާއެކު ރަމަޟާން މަހުގެ ތެރޭގައި ގުޅުންބަދަހިކޮށް ރަގަޅު ވަގުތުތަކެއް ހޭދަކުރުމުގެ ގޮތުން ކުރެވިދާނެ ކަމަކަށްވެފަ. މަސްރޭހުގައި ބައިވެރިވުމަށް އަބަދުވެސް އަޅުގަނޑުމެންނަށް ރިކުއެސްޓް ލިބޭ. އެހެންކަމުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ރައްކާތެރި މާހައުލެއްގައި އުރީދޫ މަސްރޭސް 2022 ބޭއްވޭކަމީ އަޅުގަނޑުމެން ވަރަށް އުފާކުރާކަމެއް. މަސްވެރިކަމަކީ އެންމެ ކުރީއްސުރެ ދިވެހިންގެ ސަގާފަތުގެ ވަރަށް ބޮޑު ބައެއް، އެހެންކަމުން ހުރިހާ ޒުވާނުންވެސް މިސަގާފަތް ދިރުވާ، އާލާކޮށް ދެމެހެއްޓުމަށް މަސްރޭހުގެ މިފޯރީގައި ބައިވެރިވާނެ ކަމަށް އުންމީދުކުރަން" ކަމަށެވެ.
ވޭތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، މިއަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށްވެސް، އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއްވަނީ ހުށަހަޅާފައެވެ. މިފަހަރު ހޮވޭ ވަނަތަކުގެ ތެރޭގައި ހިމެނެނީ:
މުޅި މުބާރާތުން ހޮވާ ވަނަތަކާއި ލިބޭ އިނާމުތަކަކީ:
· އެއްވަނަ ހޯދާ ޓީމަށް 50،000 (ފަންސާސް ހާސް ) ރުފިޔާ
· އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5000 (ފަސް ހާސް ) ރުފިޔާ އާއި ރަންކޯރި
· އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 (ފަސް ހާސް) ރުފިޔާ
އުރީދޫ މަސްރޭސް، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ފިޔަވައި، ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފަ ވަނީ 1 މޭ 2022 ގައެވެ. މަސްރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން ދައުވަތު އަރުވައެވެ.
ސަރުކާރު އޮފީސްތަކާ، ޕްރައިވެޓް ކުންފުނިތަކުން އަދި އާންމު ރައްޔިތުންވެސް ޓީމްތަށް އުފައްދައިގެން މަސްރޭހުގެ މި ފޯރިގަދަ ސީޒަންގައި ބައިވެރިވުމަށް އުރީދޫ މޯލްޑިވްސްއިން ދައުވަތު އަރުވައެވެ. މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 މާރިޗް 2022 ގެ ކުރިން އުރީދޫ މޯލްޑިވްސް ވެބްސައިޓްގައިވާ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެއެވެ.