ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިޝަން ފޯ މައިގްރަންޓް ވަރކަރޒް މޯލްޑިވްސްގެ ފަރާތުން 25 މާރޗް 2022 ވާ ހުކުރު ދުވަހު ބިދޭސީ އަންހެން މަސައްކަތްތެރިންނަށް ޚާއްސަ ކޮށްގެން ހެލްތް ކޭމްޕެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.
މިޝަން ފޯ މައިގްރަންޓް ވަރކަރޒް މޯލްޑިވްސް އިން ބުނެފައިވަނީ މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދަމަނަވެށީގައި މެންދުރުފަހު 3 އިން އިރުއޮއްސި 6 އަށް ކަމަށާއި މި ހެލްތް ކޭމްޕް ކުރިއަށް ދާނީ ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި ގުޅިގެން ކަމަށެވެ.
ޝީގެ ފަރާތުން ހެޕަޓައިޓިސް އަދި އެޗް.އައި.ވީ އަށް ސްކްރީން ކުރުމުގެ ޚިދުމަތް، ސީއެސްއެމްގެ ފަރާތުން އޯރަލް ކެންސަރ ސްކީރިންގގެ ޚިދުމަތް އަދި އެޗްޕީއޭއާއި ގުޅިގެން މި ހަރަކާތުގައި ދުނިޔޭގެ ޓީބީ ދުވަހާއި ގުޅުވައިގެން ޓީބީ ސްކީރިންގ ކުރިއަށް ދާނެއެވެ. މީގެ އިތުރުން ގިފްޓް ޕާރޓްނަރުންގެ ގޮތުގައި ވިމެން އިން މެނޭޖްމަންޓް އާއި ފެމްސްގެ އިތުރުން ކްލޮގަރޑް ހަރަކާތްތެރިވާނެއެވެ.
މި ހެލްތް ކޭމްޕް ތެރޭގައި އެ ޖަމްޢިއްޔާގެ ފަރާތުން ހެލްތް ސްކްރީނިންގގެ ޚިދުމަތް ލިބިގެންދާއިރު މީގެ ތެރޭގައި ލޭގެ ޕްރެޝަރ އާއި ހަކުރު ބެލުމާއި ހިލޭ ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ފޯރުކޯށްދެވޭނެއެވެ. މީގެ އިތުރުން ޑޮކްޓަރަށް ދައްކާ ފަރާތްތަކަށް، އޭޑީކޭ އާއި ލައިފް ސަޕޯޓާއި ގުޅިގެން ހިލޭ ބޭސް ލިބޭނެ އިންތިޒާމުވެސް ހުންނާނީ ހަމަ ޖެހިފައެވެ.
މިފަދައިން މިޝަން ފޯ މައިގްރަންޓް ވަރކަރޒްގެ ފަރާތުން މީގެ ކުރިންވެސް ވަނީ ހެލްތް ކޭމްޕްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ޏ. ފުވައްމުލައް، މާލެ އަދި ހުޅުމާލޭގައި ހެލްތް ކޭމްޕްތަކެއް ވަނީ ބާއްވާފައެވެ. މި ހެލްތް ކޭމްޕްތަކުން 500 އަށްވުރެ ގިނަ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރެވިފައިވާ ކަމަށް އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައެވެ.