ދުވާލު ނިދާފައި ރޭގަނޑު ހޭލާއުޅޭ މައިންބަފައިން ގިނަވެއްޖެ! ދަރިން ކާން ނުލިބިގެން ވައްކަންކަންކުރަނީ! ހަކުރުވެސް ވިއްކައިދެނީ! ޙައްލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ދުވާލު ނިދާފައި ރޭގަނޑު ހޭލާއުޅޭ މައިންބަފައިން ގިނަވެއްޖެ! ދަރިން ކާން ނުލިބިގެން ވައްކަންކަންކުރަނީ! ހަކުރުވެސް ވިއްކައިދެނީ! ޙައްލަކީ ކޮބާ؟

އެއްދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. ބައަކު މަގުމަތީގައި އުޅެނީ 10 ވަރަކަށް އަހަރުގެ ކުޑަކުއްޖެ ހިފަހައްޓައިގެންނެ. އެމީހުން ތުހުމަތުކުރަނީ އެކުއްޖާއަކީ އެހިސާބުގަނޑު ގޭގެއިންނާއި ފިހާރަތަކުން ވައްކަންކުރާ ކުއްޖެއް ކަމަށެވެ. ނަމަވެސް އެވަގުތު އެފަދަ އެއްވެސް އެއްޗެއް އޭނާގެ އަތަކު ނެތެވެ.

އެތަނުގައި ތިބި މީހުންނަށް ވަރަށް އާދޭސްކުރުމުން އެކުއްޖާ އަޅުގަނޑާއި ޙަވާލުކުރިއެވެ. އެކުއްޖާ ގޮވައިގެން އަޅުގަނޑު ދިއައީ ކުއްޖާގެ ގެއަށެވެ. އެކުއްޖާގެ އަތުގައި އޮތް ތަޅުދަނޑިއަކުން ދޮރުހުޅުވައިގެން ގެއަށް ވަންއިރު އަންހެނަކާއި ފިރިހެނަކު ނިދާފައި އެތިބަގޮތަކަށް ތިއްބެވެ. 

ކުއްޖާ ބުނީ އެއީ އޭނާގެ މަންމަ އާއި ބައްޕަ ކަމަށެވެ. އެމީހުންނަކީ އިރުއޮއްސި 7 ޖެހުމުން ހޭލާ ބައެއް ކަމަށާއި އިރު އެރުމުން ނިދާ ބައެއް ކަމަށެވެ. ގޭގައި ކާނެ އެއްޗެއް ނުހުންނަ ކަމަށާއި ބޭރުގައި އުޅެވެނީ ބަނޑުހައިވުމުން ކަމަށެވެ. އެހެންވެ ފިހާރަތަކުން ވައްކަންކުރެވެނީ ކަމަށެވެ.

އަޅުގަނޑު އެރޭ އަލުން އެގެއަށް ދިއައިމެވެ. ދޮރުހުޅުވީ ޓަކިޖަހާތާ އެތައް އިރަކުންނެވެ. އެއިރުން 4،5 ޒުވާނަކު ގޭގައި ތިއްބެވެ. ދުވާ ނުބައިވަހަކުން ހޮޑުނުލައި ހިހައްޓައިލެވުނީވެސް ހަމަ ކިރިޔާއެވެ. އަޅުގަނޑު އެދެމަފިރިންނަށް ވަރަށް ވިސްނައިދީ އާދޭސްކޮށްގެން ކުއްޖާގެ ބެލެނިވެރިން ހޯދައި ރަށަށް މަންމަމެން ގާތަށް ފޮނުވައިލީމެވެ. 

ދެން މިދަންނަވަނީ މިއަދު އެކުއްޖާގެ ވާހަކައެވެ. އެކުއްޖާއަކީ ރަށު ސްކޫލްގެ ޓީޗަރެކެވެ. މީހަކާ އިނދެގެން އުފާވެރިކަމާއިއެކު އެބަ ދިރިއުޅެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ އެދުވަސްވަރު އެގޮތަށް މަގުމަތީގައި އުޅުނީ މަދު އަދަދެއްގެ ކުދިން ނަމަވެސް މަދު ރަށެއް ފިޔަވައި މިއަދު ކޮންމެ ރަށެއްގައިހެން އެފަދަ ޙާލުގައި ދިރިއުޅޭ އެތައް ބައިވަރު ކުދިން އެބައުޅޭކަން ޤަބޫލުކުރަން ޖެހެއެވެ. މިފަދަ ކަންކަން ބަލަހައްޓާ މުއައްސަސާތަކާއި ވެރިންނާއި މުވައްޒިފުން ގިނަވެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން އެބަ ހޭދަކުރެއެވެ. އަހަރުން އަހަރަށް އެފަދަ ޙާލުގައި އުޅޭ ކުދިން އިތުރުވުން ފިޔަވައި ނުކުންނަ ނަތީޖާއަކީ ކޮބައިކަމެއް އަޅުގަނޑަކަށް ނުއެނގެއެވެ.

 

މިކަންކަމަށް ވިސްނައި ފިޔަވަޅުތައް ހަރުދަނާ ނުކޮށް އަންނަން އޮތް ޖީލުތަކުގެ ވާހަކަ ދެއްކެން އެބައޮތްތޯއެވެ؟ ޤައުމުގެ ރައުސުލްމާލަށް މިފަދަ ޒުވާނުންތައް އިތުރުވެގެން އެއީ ޤައުމުގެ އެންމެ އަގު ބޮޑު ރައުސުލްމާލުކަމުގައި ހެދޭނެތޯއެވެ.؟

 

--މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން