"ގްރީން ކީ އެވޯޑް" ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް އިން ހިންގާ ސަން އައިލޭންޑް ރިޒޯޓް އެންޑް ސްޕާ އަދި ރޯޔަލް އައިލޭންޑް ރިޒޯޓް އެންޑް ސްޕާ އަށް ލިބިއްޖެއެވެ.
މިކަމާގުޅިގެން ވިލާއިން ބުނެފައިވަނީ އެކުންފުނީގެ ރިޒޯޓުތަކުން ކެނޑިނޭޅި މަސައްކަތްކުރަނީ ތިމާވެށްޓާ ރަޙްމަތްތެރި އާދަކާދަތަކާ އެއްގޮތަށް ކަމަށާއި، ރިޒޯޓުން ހިންގާ އޮޕަރޭޝަންތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ އަސަރު ވީހާވެސް ކުޑަކުރެވޭތޯ މަސައްކަތްކުރާ ކަމަށެވެ.
ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް، ކާބަން ނިއުޓްރަލް ކުރުމަށް އަމާޒުތަކެއް ކަނޑައަޅައިގެން މި ދެ ރިޒޯޓުން ކޮންމެ އަހަރަކުވެސް މަސައްކަތް ކުރާ ކަމަށް ވިލާ އިން ވަނީ ބުނެއެވެ.
"ގްރީން ކީ އެވޯޑް" އަކީ ދެމެހެއްޓެނެވި ތިމާވެށީގެ އެންމެ ކުރިއަރާފައިވާ މިންގަނޑުތަކާއި، ތިމާވެށްޓާ ރައްޓެހި މިންގަނޑުތަކަށް އަހުލުވެރި ފަތުރުވެރިކަމުގެ ޚިދުމަތްދިނުމުގެ އިތުރުން، ފަތުރުވެރިންނަށް ތިމާވެށްޓާ ރައްޓެހި އާދަތަކުގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ.