އެހެން އަހަރުތައް ފަދައިން މިއަހަރުގެ ރަމަޟާން މަހުގައިވެސް ހުރިހާ ބާވަތެއްގެ މުދައުވެސް އެދުވަހަކު ވިއްކެން އޮތް އެންމެ ހެޔޮ އަގުގައި ވިއްކަމުން ގެންދާނެ ކަމަށް އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފިއެވެ.
ރާއްޖެއަށް އެންމެ ގިނަބާވަތުގެ ކާބޯތަކެތި އެތެރެކޮށް ވިއްކާ އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނީ ކުރީ ރޯދަމަހުވެސް ކަސްޓަމަރުންގެ ޖީބުތަކަށް ލުއިކޮށްދިނުމުގެ ގޮތުން ބައެއް ބާވަތްތައް އެއްވެސް ފައިދާއެއް ނުލައި ހަމައަގުގައި އަދި ބައެއް ބާވަތްތައް ޖެހުނު އަގަށްވުރެވެސް ހެޔޮ އަގުގައި ވިއްކާފައިވާނެ ކަމަށާއި މިއަހަރުވެސް އެކަންކަން ކުރާނެ ކަމަށެވެ.
"ކަސްޓަމަރުންނަށް ރަނގަޅަށް އެނގޭނެ، ފިޔާ ކެރެޓް ފަދަ ބާވަތްތައް އެންމެ 5 ރުފިޔާއަށް ކިލޯއެއް އަޅުގަނޑުމެން ކުރީއަހަރުވެސް ވިއްކިކަން. ދުނިޔޭގެ ބާޒާރަށް އައިސްފައިވާ ބަދަލުތައް ބޮޑުކަމުން ކުރީއަހަރަށްވުރެ ކޮންމެވެސް ވަރެއްގެ ތަފާތެއް ބަހައްޓަން ޖެހުނު ނަމަވެސް މަސައްކަތްކުރާނީ ވީހާ ހެޔޮ އަގުތަކުގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭން."
"ރަމަޟާން މަސް އަޅުގަނޑުމެން ޚާއްޞަކުރަނީ ކަސްޓަމަރުންނަށް ޚިދުމަތްކުރާ މަހެއްގެ ގޮތުގަ.. އެއީ ކަސްޓަމަރުންގެ ޖީބުތަކަށް އެންމެ ބުރަ ބޮޑުވާނެ މަސްކަމަށްވާތީ. ކޮންމެ ގެއަކުވެސް ވީހާ ރަނގަޅަކަށް ކާން ބޭނުންވާނެތީ.'
ކުކުޅު ފަދަ ބައެއް ބާވަތްތައް މިހާރުވެސް އެންމެ ހެޔޮ އަގުގައި ވިއްކަނީ އުފަންވެލި ޝޮޕްތަކުންނެވެ. ޢާންމުކޮށް ކިލޯއެއްގެ އަގު 55 ރުފިޔާއަށް އުފުލިފައިވީނަމަވެސް އުފަންވެލި ޝޮޕްތަކުން ވިއްކަނީ އެންމެ 50 ރުފިޔާއަށެވެ. ތާޒާކަން ގަރަންޓީ ކުކުޅު ބިސްކޭހެއްވެސް ވިއްކަނީ 290 ރުފިޔާއަށެވެ.