ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީ.ސީ.އެމް) ޖަމުޢިއްޔާގެ ފަރާތުން ކުރިއަށް ގެންދާ އިޖުތިމާޢީ އެހީގެ ދަށުން، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށްގެން ޖަމުޢިއްޔާގެ 30 މެންބަރަކަށް ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދީފިއެވެ.
ރޭ މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި މާހެފުން ހަރަކާތުގައި ބީ.ސީ.އެމްގެ ފަރާތުން ކާބޯތަކެތީގެ ޕެކޭޖް މެންބަރުންނަށް ޙަވާލުކޮށްދެއްވީ ޖަމުޢިއްޔާގެ އެގްޒެކިއުޓިވް ޑިރެކްޓަރ އިބްރާހީމް މުޙައްމަދެވެ.
ބީ.ސީ.އެމް އިން ބުނެފައިވަނީ އެޖަމުޢިއްޔާގެ ހަރަކާތްތެރި މެންބަރުންނަށް ކޮންމެ ރަމަޟާން މަހެއްގައި ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދިނުމުގެ އިތުރުން، އުފަންވާ ކޮންމެ ކުއްޖަކަށް ތަންމަތި ފޮށި ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
ބީސީއެމްގެ ފަރާތުން ރޭ މެންހެޓަން ބިޒްނަސް ހޮޓެލްގައި އިންތިޒާމުކުރި މާހެފުން ހަރަކާތް ބާއްވާފައިވަނީ ޢާންމުކޮށް ހުޅުވާލައިގެންނެވެ. މި މާހެފުމުގައި 70ށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.