ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީ.ސީ.އެމް) ޖަމުޢިއްޔާއާއި ދަ ސޮމަރސެޓް ހޮޓެލް ގުޅިގެން "ވިމެން ލީޑަރޝިޕް ޕްރޮގްރާމް"ގެ ނަމުގައި ހަރަކާތެއް އިންތިޒާމުކޮށްފިއެވެ.
މިއަދު ހެނދުނު 08:30ން ހަވީރު 06:00ށް މައިންޑްސެޓް ބައި ދަ ސޮމަރސެޓް ސޮންފަރެންސް ހޯލްގައި ބޭއްވުނު މި ޕްރޮގްރާމްގައި ޖުމުލަ 17 އަންހެނަކު ބައިވެރިވެފައިވެއެވެ. ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓުފިކެޓު ދެއްވީ ދަ ސޮމަރސެޓް ހޮޓެލްގެ ޖެނެރަލް މެނޭޖަރ ގަނޭޝް ކުމާރައެވެ.
މި ޕްރޮގްރާމްގައި ޖުމުލަ 4 ސެޝަނެއް ކުރިއަށް ގެންދެވިފައިވާއިރު، އެންމެ ފުރަތަމަ ސެޝަން ކުރިއަށް ގެންދިޔައީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް)ގެ ފަރާތުންނެވެ. ޖެންޑަރ އީކުއަލިޓީ ޤާނޫނު، މި މައުޟޫޢަށް ސެޝަން ނަންގަވައިދެއްވީ އެޗް.އާރު.ސީ.އެމްގެ ލީގަލް އޮފިސަރ އަލްއުސްތާޛް މުޙައްމަދު ސާމިހާއި ސީނިއަރ އެޑިއުކޭޝަން އޮފިސަރ ޚަދީޖާ ލިމްޔާއެވެ. މި ސެޝަންގައި ޖެންޑަރ އީކުއަލިޓީ ޤާނޫނުން އަންހެނުންނަށް ކަށަވަރުކޮށްދޭ ޙައްޤުތަކާއި، ޤާނޫނުން އެކި ފަރާތްތަކަށް މަތިކުރައްވާފައިވާ ޒިންމާތައް ބަޔާންކޮށްދީފައިވެއެވެ.
ދެވަނަ ސެޝަންކަމުގައިވާ އަންހެނުންނާ ދެކޮޅަށް ކުރެވޭ ހުރިހާ ބާވަތެއްގެ ތަފާތުކުރުންތަކެއް ނައްތާލުމުގެ މުޢާޙަދާ (ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގެއިންސްޓް ވިމެން)ގެ ރިޕޯޓިންގ މެކޭނިޒަމްސް، ނަންގަވައިދެއްވީ އެޗް.އާރު.ސީ.އެމްގެ ކުރީގެ ރައީސް އައިމިނަތު އީނާސެވެ. މި ސެޝަންގައި ޖަމުޢިއްޔާތަކުން އ.ދ.އަށް ހުށަހަޅާ "ޝެޑޯ ރިޕޯޓު"އާއި އެ ރިފޯޓު ތައްޔާރުކުރާނެ ގޮތްތަކާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވިފައިވެއެވެ.
"މީޑިއާ އިންޓަރވިއުއިންގ ސްކިލްސް"ގެ ނަމުގައި އިންތިޒާމުކުރެވުނު ތިންވަނަ ސެޝަން ނަންގަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޑައިރެކްޓަރ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޙަސަން ޒިޔާއުއެވެ. މި ސެޝަންގައި އިންޓަރވިއު ކުރާނެ ހުނަރާއި އިންޓަރވިއުތަކުގައި ޖަވާބުދޭނެ ގޮތްތަކާ ގުޅޭގޮތުން ބައިވެރިން ހޭލުންތެރިކުރުވާފައިވެއެވެ.
މި ޕްރޮގްރާމްގެ އެންމެ ފަހު ސެޝަންގައި މަޢުލޫމާތު ދެވުނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ގުޅޭގޮތުންނެވެ. މި ސެޝަން ނަންގަވައިދެއްވީ އަލްއުސްތާޛް ޢަބްދުﷲ ޙަސީނެވެ. މި ސެޝަންގައި ގެވެށި އަނިޔާއަކީ ކޮބާކަމާއި، ގެވެށި ގުޅުމުގެ ތެރޭގައި ހިމެނޭ ފަރާތްތަކަކީ ކޮބާކަމާއި، އަނިޔާ ލިބޭ ފަރާތްތަކަށް ޤާނޫނުން ލިބިދެވޭ ރައްކާތެރިކަމާއި ޙިމާޔަތާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވިފައިވެއެވެ.
އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި އުފެދުނު ބީ.ސީ.އެމް ޖަމުޢިއްޔާގެ ފަރާތުން އަންނަނީ އަންހެނުންނަށް އަމާޒުކޮށްގެން ގިނަ ޕްރޮގްރާމްތައް އިންތިޒާމުކުރަމުންނެވެ. އޭގެ ތެރޭގައި އަންހެނުންނަށް ސެލްފް ޑިފެންސް ޓްރޭނިންގއާއި އަންހެނުން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމަށް ހިންގޭ ޕްރޮގްރާމްތައް ފާހަގަކޮށްލެވެއެވެ.