ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާ 27 މާރިޗު 2022 ވަނަ ދުވަހުގެ ރޭ ޝީ ބިލްޑިންގގައި ބާއްވައިފިއެވެ.
މި ޖަލްސާގައި އެއެސޯސިއޭޝަންގެ ޗެއަރޕަރސަން އަލްފާޟިލާ އާމިނަތި ޝާއިނާ ޢާބްދުﷲ މެންބަރުންނާ މުޚާޠަބު ކުރައްވަމުން ވިދާޅުވީ ކޮވިޑްގެ އެންމެ ނުރައްކާތެރި ޙާލަތުގައިވެސް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް)ގެ ކުދިންނަށް އެކި އެކި ގޮތްގުން އެހީތެރިކަން ފޯރު ކޮށްދިނުމަށް މަސައްކަތްތައް ކުރެވުނުކަމަށާއި މި އަހަރު ބޮޑަށް އަމާޒުކުރަނީ އެސްއޯއެމްގެ މެމްބަރުންނަށް ގިނަ ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި އަތޮޅުތެރޭގައި ތިބި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކުރެވިގެން ވީހާވެސް ގިނަ ބަޔަކަށް އެސްއެމްގެ ޙަރަކާތްތައް ފުޅާކުރުމަށްކަމަށެވެ.
ސަރުކާރުންނާއި އެކި މުއްސަސާތަކުން ކުޅިވަރު އެސޯސިއޭޝަންތަކުން އެ އެސޯސިއޭޝަނަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެސްއޯއެމްގެ އެތްލީޓުން ކުރައްވާ ބުރަ މަސައްކަތާއި ބެލެނިވެރިންގެ ހިތްވަރަށް އައްސަރިބަހުން ސާބަސްދެއްވަމުން އެބޭފުޅުންގެ އެއްބާރުލެއްވުމަށް ޝުކުރު ދެންނެވިއެވެ. އަދި އެސްއޯއެމްގެ ހީވާގި މުވައްޒަފުންނާއި ޕްރޮގްރާމްތައް ހިންގަވާ ބޭފުޅުންގެ މަސައްކަތްތައް ފާހަގަކުރައްވާ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިކަމުގައި ސާބިތުވެ ތިބުމަށް އެދިވަޑައިގަތެވެ.
މި ޖަލްސާގައި އެސްއޯއެމް ހިނގާ ދިޔަ ގޮތާއި ކުރެވުނު ޚަރަދުގެ ވަރަށް ތަފްޞީލީ ރިޕޯޓެއް ހުށަހަޅަމުން އެސްއޯއެމްގެ ސެކްރަޓަރީ ޖެނެރަލް އަދި ނެޝަނަލް ޑިރެކްޓަރ އަލްފާޟިލާ ފާޠިމަތު ފައިރޫޒާ އާދަމް ވިދާޅުވީ ދެމެހެއްޓެނިވި ގޮތަކަށް މިކުދިންގެ ކުޅިވަރުތައް އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނި ތަކާއި އެސޯސިއޭޝަންތަކުގެ އިތުރުން ކްލަބުތަކާވެސް މަޝްވަރާ ކުރަމުންދާކަމަށެވެ. 2022 ވަނަ އަހަރުގެ ކަލަންޑަރ ވެސް ރޭގެ ޖަލްސާގައި ވަނީ އެސްއޯއެމްގެ މެންބަރުންނާ ޙިއްސާކޮށް ފާސްކޮށްފައެވެ. މިއަހަރު ކުރުމަށް ރޭވައިފަވާ ބައެއް ކަންތައްތަކުގެ ތެރޭގައި ޔުނިފައިޑް ރަންއަކާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކޮށްގެން ކުޅިވަރު ފެސްޓިވަލެއް ބޭއްވުމާއި ކުރެހުމުގެ މައުރަޒެއް ބޭއްވުމަށް ރޭވިފައިވެއެވެ. އަދި މީގެ އިތުރުން އެސްއޯއެމްއިން ހިންގާ ފުޓުބޯޅަ, އެތްލެޓިކްސް, ފެތުން އަދި ބެޑްމިންޓަންގެ އިތުރަށް މުޅިން އަލަށް މިއަހަރު ބާސްކެޓް ބޯޅަ ތަޢާރަފްކޮށް ފަރިތަކުރުންތައް ރޯދަ ނިންމާފަ ފެށޭނެކަން ފާހަގަ ކުރެއްވިއެވެ.
މި ޖަލްސާގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ ޚަޒާންދާރު އަދި ފެމިލީ ރެޕްރެޒެންޓޭޓިވްގެ މަޤާމުތަކަށް ބޭފުޅުން އިންތިޚާބު ކުރެވުނެވެ. ޚަޒާންދާރުގެ މަޤާމަށް އަލްފާޟިލާ މަމްދޫހާ ޢާލީ އަދި ފެމިލީ ރެޕްރެޒެންޓޭޓިވްގެ މަޤާމަށް އަލްފާޟިލާ ފާޠިމަތު ލިމްޔާވަނީ އިންތިޚާބުވެފައެވެ.
ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާއަށް އެ އެސޯސިއޭޝަންގެ އާއްމު މެމްބަރުންނާއި ސްޕެޝަލް އޮލިމްޕިކްސްއަށް އެކި ކުޅިވަރު ދާއިރާތަކުން އައްޔަނުކޮށްފައިވާ އެމްބަސިޑަރސް ގެ އިތުރުން އެކި ގޮތް ގޮތުން އެސްއޯއެމްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތައްވަނީ ބައިވެރިވެފައެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ އެކި އެކި ފުރުޞަތުތަށް ތަނަވަސް ކޮށްދިނުމާ އެފަރާތްތަކަށް ރާއްޖޭ އާއި ރާއްޖޭން ބޭރުން ކުޅިވަރުގެ ފުރުޞަޠުތައް ތަނަވަސް ކޮށްދިނުމަށް މަސައްކަތް ކުރުމަށް ސަރުކާރުން 2019 ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ވަނީ އެއް އަހަރުދުވަހުގެ ތެރޭގައި (2019) ބައިނަލްއަޤްވާމީ ތިން މުބާރާތުގައި ބައިވެރިވެ، ބައިނަލްއަޤްވާމީ ހަތަރު މެޑަލް (1 ގޯލްޑް، 1 ސިލްވަރ އަދި 2 ބްރައުންޒް) ހޯދައި ރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައެވެ.