ހަނދުމަކޮށްދިނުމެއް!: ރަމަޟާން މަސް ކައިރިވާވަރަކަށް ޝައިޠޯނާގެ އެޖެންޓުންތައް ގިނަވާނެ! ނަމަނަމަ މަޅީގަ ނުޖެހޭތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ހަނދުމަކޮށްދިނުމެއް!: ރަމަޟާން މަސް ކައިރިވާވަރަކަށް ޝައިޠޯނާގެ އެޖެންޓުންތައް ގިނަވާނެ! ނަމަނަމަ މަޅީގަ ނުޖެހޭތި!

ރަމަޟާން މަސް އައުމާއިއެކު ﷲ ތަޢާލާ ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުއްވަވައިލައްވަވައެވެ. މާނައަކީ ސުވަރުގޭގެ ހުރިހާ ދޮރުކޮޅުތަކެއް ހުޅުއްވަވައި ލައްވަވައެވެ. އަދި ނަރަކައިގެ 7 ދޮރު ބަންދުކުރައްވަވައެވެ. ބޮޑެތި ޝައިޠާނުންތައް ކަސްކޮޅުއަޅުއްވަވައެވެ. މިހުރިހާ ނިޢްމަތްތަކެއް މިންވަރުފުޅު ކުރައްވަވަނީ ވީހައި ގިނަ ބައަކަށް ސުވަރުގެ ވަދެވުމަށް މަގުފަހިކޮށްދެއްވެވުމަށެވެ. 

ބިރުގަންނަން ޖެހެނީ މިކަމާއިއެވެ. ރަމަޟާން މަސް އައުމާއިއެކު ކަސްތޮޅު އަޅުއްވަވާނެކަން ބޮޑެތި ޝައިޠާނުންތަކަށް ރަނގަޅަށް އެނގޭތީ ކުރިއާލައި އެ ޝައިޠާނުންތައް އެ އެއްޗެތީގެ ވަޒީފާ ކުރިއާލައި އަދާކޮށް ނިންމައިލާތީއެވެ. އެ ޝައިޠާނުންތަކުގެ ބަދަލުގައި މީސްތަކުންގެ ތެރެއިން ހައްދާލެވިދާނެ ކަމަށް ޤަބޫލުކުރެވޭ އެންމެން ކުރިއާލައި ހައްދާލައެވެ. ރަމަޟާން މަސް އައިނަމަވެސް އެކަމުން އެއްވެސް ފައިދާ އެއް ނުކުރާނެ ވަރަށް އެމީހުންގެ ހިތްތައް އަޅުވެތިކުރުވައެވެ. އަދި އެހެން މީހުން މަގުފުރައްދަން އެމީހުން ތަމްރީނުކުރުވައެވެ. 

މިފަދަ މީހުން ވަރަށް ފަސޭހައިން ވަކިކުރަން އެނގޭނެއެވެ. ރަމަޟާން މަސް ކައިރިވާ ވަރަކަށް އެމީހުން ބަލާނީ ގެންގުޅޭ ޓީވީގެ ސައިޒް ބޮޑުކުރެވޭތޯ އާއި ތަންކޮޅެއް އަޑުގަދަކޮށް ލަވަޖެހޭނެ ސްޕީކަރެއް ހޯދޭތޯ އާއި ދުއްވާ ސައިކަލް ބޮޑުކޮށްލެވޭތޯއާއި ގެންގުޅޭ ކާރަކީ މިހާރަށްވުރެ ބާރު ސްޕީޑްގައި ދުއްވައިލެވޭ ކާރަކަށް ހެދުން ފަދަ ކަންކަންކަން ކުރުމަށެވެ. 

ރަމަޟާން މަސް އައުމާއި ގުޅިގެން ތަފާތު އިވެންޓުތައް ބާއްވައި ޢާއިލާ އާއި ރައްޓެހިން ނަމާދުކުރުމާއި ދުރުކުރުވަނީވެސް ހަމަ ޝައިޠާނާގެ އެޖެންޓުންނެވެ. އެފަދަ މީހުން ބަލާނީ ރޯދަ ވީއްލުންތައް ދީގެން މަޣްރިބް ނަމާދު ޖަމާއަތުގައި ކުރުމަށް ހުރަސް އެޅުމަށެވެ. ތަފާތު ކެއުންތައް ވެސް ދޭނީ ޢިޝާ ނަމާދާއި ތަރާވީސްނަމާދު ނުކުރެވޭ ގޮތަށް ބަލައިގެންނެވެ.

ޝައިޠާނުންނަށް އެޖެންޓުކަން ކޮށްދޭ މީހުންގެ ތެރެއިން އެންމެ ބޮޑެތި އެޖެންޓުންނަކީ މާތްﷲ އާއި މީސްތަކުން ދުރުކުރުވަން ބޮޑެތި ހަފްލާތައް ރާވައިގެން ހިންގާ މީހުންނެވެ. މުނިފޫހިފިލުވުމާއި ކުޅިވަރުކުޅުމުގެ ހަރަކާތްތައް ހިންގާ މީހުންނެވެ. މިއެންމެންނަކީ ވެސް އެކަންކަން ކުރުމަށް ޝައިޠާނާ ކުރިއާލައި ކަސްތޮޅު އަޅުވާފައިވާ މީހުންނެވެ. ޝައިޠާނުންގެ އެޖެންޓުންނެވެ. 

ޝައިޠާނާ ދޭ ހަމަލާތައް އަމާޒުކުރާނީ އީމާންކަން އެންމެ ބަލިކަށި މީހުންނަށެވެ. އެހެންކަމުން ޝައިޠާނާގެ އެޖެންޓުންގެ ގޮތުގައި ކަނޑައަޅާނީވެސް އީމާންކަން އެންމެ ބަލިކަށި މީހުންނެވެ. އަޅުކަމާއި އެންމެ ދުރު މީހުންނެވެ. އެންމެ ގިނައިން މުންކަރާތްތަކަށް އަރައިގަންނަ މީހުންނެވެ. ނަމާދުކުރުމަށް އެންމެ ފަރުވާ ކުޑަ މީހުންނެވެ. 

ވީމާ ރަމަޟާން މަސް ކައިރިވެގެން މިއަންނައިރު ޝައިޠާނާގެ އެޖެންޓުކަން ކޮށްދޭ މީހަކަށް ނުވެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. މާތްﷲ އެންގެވި ގޮތުގައި ރަމަޟާން މަހާއި ކުރިމަތިލެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. ފަރުޟު ނަމާދާއި ރޭ އަޅުކަން ކުރުމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ކަމެއް ނުރާވާށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން