އެއީ ހަމަ އަޅުގަނޑުގެ މަންމަ އާއި ބައްޕަ ފަދަ ލޯބިވާ ދެމީހުންނެވެ. އުމުރުން 70 އަހަރުން މަތިވީއެވެ. ދެމަފިރިން ދިރިއުޅެމުން ދިއައީ ނުހަނު ލޯބިންނެވެ. އެކަކު ރުޅިއަތުވެދާނެހެން ހީވާފަދަ ކަމެއްވެސް އަނެކަކު ނުކުރާނެއެވެ. އަދި ކީއްހެއްޔެވެ؟ ކަމަކަށް ބޭނުންވި ނަމަވެސް ބާރަށް ނަމުން ގޮވުމަކީވެސް ދެމަފިރިންކުރެ އެކަކުވެސް ކުރާ ކަމެއް ނޫނެވެ.
ދެމީހުންނަކީވެސް ބަސް މަދު އަޚްލާޤް ރަނގަޅު ދެމީހުންނެވެ. ލޯބިން އެކުގައި ދިރިއުޅުމުގައި ނަމޫނާ ދެމަފިރިންނެވެ. ހުރިހާ ދަރިންދެކެވެސް އިންތިހާއަށް ލޯބިވެއެވެ. އެހެންވެ ހުރިހާ ދަރިންވެސް މަންމަ އާއި ބައްޕަ ދެކެ އިންތިހާއަށް ލޯބިވެއެވެ.
މިއަދުވެސް ހެނދުނު ގެއިން ނުކުތީ ދެމަފިރިން އެކުގައެވެ. ތަނެއްގައި މަޑުކޮށްލުމަށްފަހު މަސައްކަތެއް ކުރުވަން މީހަކު ހޯދައިލަން ފިރިމީހާ ތަންކޮޅަކަށް ހިނގާލާފައި މީހަކު ގޮވައިގެން އެނބުރި އައިއިރު އަނބިމީހާ އޮތީ ނިޔާވެފައެވެ. މިފަނާވަނިވި ދުނިޔެ ދޫކޮށްފައެވެ.
އެމަންމަ ދުނިޔެ ދޫކޮށް އެދިއައީ ދުނިޔޭގެ ހުރިހާ ދެމަފިރިންނަށް ވަރަށް ފުރިހަމަ ފިލާވަޅެއް ނަގައިދީފައެވެ. ފައިދާކުރާނީ ޢިބްރަތް ޙާޞިލްކުރި މީހަކަށެވެ.
މާތް ﷲ މަރްހޫމްގެ ފުރާއަށް ސުވަރުގޭގެ މަތިވެރި ރަޙްމަތް ދެއްވަވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން
- މިއަދުނޫހުގެ ކިޔުންތެރިއެއް