ޕޯސްޓުން ގެންނަ ތަކެތި ބަލައި ފާސްކުރުމުގައި ޢަމަލުކުރަނީ ޤާނޫނާއި، ގަވާއިދާއި އެއްގޮތަށް: ކަސްޓަމްސް

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 9ސ
ޕޯސްޓުން ގެންނަ ތަކެތި ބަލައި ފާސްކުރުމުގައި ޢަމަލުކުރަނީ ޤާނޫނާއި، ގަވާއިދާއި އެއްގޮތަށް: ކަސްޓަމްސް

ޕޯސްޓްގެ ޒަރިއްޔާއިން ދިވެހިރާއްޖެއަށް ގެންނަ ތަކެތި ބަލައި ފާސްކުރުމުގައި ޢަމަލުކުރަނީ ޤާނޫނާއި، ގަވާއިދާއި ކަސްޓަމްސްއިން ތަންފީޒުކުރަން މަތިކުރެވިފައިވާ ޤާނޫނެއް ނުވަތަ ގަވާއިދަކާގުޅޭކަމެއްނަމަ، އެ ޤާނޫނާއި ގަވާއިދަކާ އެއްގޮތަށް ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން މިހެން ބުނެފައިވަނީ ޕޯސްޓްގެ ޒަރިއްޔާއިން އެތެރެކޮށްފައިވާ ޕެކޭޖެއް ކްލިއަރކުރުމުގެ ތެރޭގައި ހިނގާފައިވާ ކަންތައްތަކެއްކަމަށްބުނެ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެެވެ.

ކަސްޓަމްސް ގެ ނޫސްބަޔާން:

ދައުރުވަމުންދާ "ކޭސް" ގައިވެސް ޢަމަލުކޮށްފައިވާނީ ކަސްޓަމްސްގެ އިޖްރާއަތްތަކާއި އެއްގޮތުގެ މަތިންނެވެ. މި ޕެކޭޖް އެތެރެކޮށްފައިވާ ފަރާތުން ކަސްޓަމްސްއަށް ޑިކްލަރޭޝަން ހުށަހެޅުމުން، ޑިކްލަރޭޝަން ޕްރޮސެސްކުރެވި، ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީދެއްކުމުގެ މަރުޙަލާ ފުރިހަމަކޮށްފައިވެއެވެ. އަދި ވެރިފަރާތުގެ އެދުމުގެ މަތިން، ގަވާއިދުގެ ތެރެއިން މި ޕްރޮސެސް ވީހާވެސް އަވަހަށް ނިންމައިދީފައިވާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. މި މަރުހަލާ ނިންމައި، މުދާ ބަލައިފާސްކުރުމުގެ މަރުހަލާގައި، މުދަލުގެތެރެއިން ފެނުނު ލިޔެކިޔުންތަކާއި ކަސްޓަމްސްއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި ފުށުއެރުންތަކެއްހުރިކަމަށް ކަސްޓަމްސްއިން މުދާ ބަލައި ފާސްކުރުމަށް އެސައިންކުރެވިފައިވާ އޮފިސަރަށް ފާހަގަކުރެވިގެން، މުދާ އިތުރަށް ބަލަންޖެހޭކަން ވެރިފަރާތަށް އަންގައި، އިތުރަށް މި މުދާވަނީ ބަލައި، ފާސްކޮށް ދޫކުރެވިފައެވެ. މުދަލުގެ ވެރިފަރާތުގެ ހިތްހަމަނުޖެހުމަކަށްވީ އެފަރާތުން އެތެރެކޮށްފައިވާ މުދާ ކަނޑައި، އިތުރަށް ބަލައި ފާސްކުރުމަށް ނިންމުމާއި ގުޅިގެންނެވެ.  

ކަސްޓަމްސް ގާނޫނުގެ 78 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލާއި، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދަލާއި، ކަސްޓަމްސް ކޮންޓްރޯލްގެ ދަށުގައިވާ މުދާ، ބަލައި ފާސްކުރާނީ ކަސްޓަމްސްއިންނެވެ. އަދި މި މާއްދާއިން ލިބިދީފައިވާ އިޚްތިޔާރުގެ ތެރެއިން ބަލައި ފާސްކުރުމުގައި، ވެރިފަރާތް ނުވަތަ ވެރިފަރާތުން އައްޔަންކުރާ ފަރާތެއްގެ ހާޟިރުގައި މުދާ ކެނޑުމާއި، ހުޅުވުމާއި، ގުނުމާއި، ކިރުމާއި، ވަޒަންކުރުމާއި، ޓެސްޓްކުރުމާއި، ސާމްޕަލްނުގެމާއި މިނޫންވެސް ގޮތްގޮތަށް ބަލައި ފާސްކުރެވޭނެއެވެ. އަދި މި މަރުހަލާގެތެރޭގައި ޗެކިން އޮފިސަރުން ކުރާ ސުވާލުތަކަށާއި ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދޭންވާނެކަމަށާއި، މިގޮތުގެ މަތިން ކަސްޓަމްސްއިން ބަލަން ބޭނުންވެގެން ދެއްކުމަށް އެދެފި ލިޔުމެއް ނުދެއްކުމަކީ ކުށެއްކަމުގައިވެސް ކަސްޓަމްސް ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

މި މުވައްސަސާއިން އަބަދުވެސް އެންމެ އިސްކަމެއްދެނީ ޚިދްމަތްހޯދާ ވިޔަފާރިވެރިންނާއި އާއްމު ފަރުދުންނަށް ވީހާވެސް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ. އެހެންކަމުން، ކަސްޓަމްސްއަށް ލިޔެކިޔުން ހުށަހެޅުމުގައި ސައްޚަ މަޢުލޫމާތު ހުށަހެޅުމަށާއި ކަސްޓަމްސް އޮފިސަރުންގެ ޤާނޫނީ ޒިންމާއާއި މަސްއޫލިއްޔަތަށް ހުރަސްނޭޅޭފަދަ ގޮތަކަށް ޚިދުމަތްހޯދާ ފަރާތްތަކުގެ ޢަމަލުތައް ބެހެއްޓުމަށް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ. 

ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި، ކަސްޓަމްސްއިން ތަންފީޒްކުރަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒްކުރުމުގައި ސާބިތުކަމާއެކު މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް މި ފުރުސަތުގައިވެސް އަރުވަމެވެ. އަދި ރާއްޖޭގައި ހިންގާ ވިޔަފާރިއާއި އިޤްތިސާދީ ޙަރަކާތްތަކަށް އަބަދުވެސް އެއްބާރުލުން ދީ ވިޔަފާރިއަށް ފަހި އަދި ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް ކުރާ މަސައްކަތުގައި ކަސްޓަމްސް ދެމި އޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ.

މިއަދު އޮންލައިން