މިސްކިތްތަކާއި ނަމާދުކުރާ މީހުން ޙިމާޔަތްކުރަންޖެހޭކަން ފާހަގަކޮށްފިނަމަ އެކަމަށް ރުޅި އަންނަ މީހުން މަދުނަމަވެސް އެފަދަ ބައަކުވެސް ތިބެއެވެ. ހުކުރު ދުވަހު ޝާއިޢުކުރި ލިޔުމަަކާއި ގުޅިގެންވެސް 2، 3 ބޭފުޅަކު ވަނީ ވަރަށް ބޮޑަށް ކޯފާއިސްކުރައްވައިފައެވެ.
އެއްބޭފުޅަކު ވިދާޅުވީ އެއީ ނަފްސާނީ މައްސަލައެއް ހުންނަ އަންހެނެއް ކަމަށެވެ. އަނެއް ބޭފުޅަކު ވިދާޅުވީ އެއީ ޑްރަގް އެޑިކްޓެއް ކަމަށެވެ. މިއިން ކޮންމެ ޙާލަތެއް މެދުވެރިވިނަމަވެސް މައްސަލައަކީ މިސްކިތަކާއި ނަމާދުކުރަން ތިބި ބައެއްގެ ޙުރުމަތް ކެނޑުމެވެ. މިފަދަ ކަންކަން މިހާރަކަށް އައިސް ކޮންމެ ދުވަހަކުހެން ދަނީ ކުރިމަތިވަމުންނެވެ. މީޑިއާތަކުގައި ހާމަކުރެވެނީ ވަރަށް މަދުކަމެކެވެ.
މިސާލަކަށް ބުނާނަމަ ފަހުދިހައިގެ 9 ތެރޭގައި އެއް މިސްކިތެއްގައި އެކަނިވެސް ދަމުނަމާދަށް ތިއްބާ އަންހެނުން ނަމާދުކުރާބައަށް ފިރިހެނަކު ވަދެ 3 ރޭ މަތިން 3 ފޯނު ވަގަށް ނެގިކަމުގެ މައުލޫމާތުވަނީ ލިބިފައެވެ. ނަމާދަށް ޙަރަމްބަނދެގެން ތިއްބައި ވަދެ ހިފައިގެންދަނީއެވެ. ނަމާދު ގެއްލިދާނެތީ އަނގައިން ނުބުނެ ހަރަކާތެއް ނުކޮށް ތިއްބައެވެ. ސުވާލަކީ މިދަރަޖައަށް ކަންކަންދާއިރުވެސް މިސްކިތްތައް ބަލަހައްޓައިލެވޭނެ ގޮތެއް ހަމަނެތީތޯއެވެ؟ ޖަވާބުގައި ފޯނު ނުގެންދިއައިމަ ވަގަށް ނުނަގާނެ ކަމަށް ބުނުމަކީ ހަމަ އެންމެ ރަނގަޅު ޖަވާބުތޯއެވެ؟
އެހެންކަމަށްވާނަމަ ވެރިން މަގުމައްޗަށް ނުކުތީމަ މަގުތައް ބަންދުކުރަން ނުޖެހޭނެ ކަމަށް ނުބުނަންވީ ކީއްވެގެންތޯއެވެ؟
3 ބާރުގެ ވެރިން ދިރިއުޅުއްވާ 4 ގެއަކަށް އެއްވެސް މީހަކަށް ނުވަދެވެއެވެ. އެއިން ގެއެއްގެ ޙުރުމަތެއްވެސް ނުކެނޑެއެވެ. އެއިން ގެއަކުން ވައްކަމެއްވެސް ނުކުރެވެއެވެ. އެއިން ގެއަކަށް ކުޑަކަމުދިއުން ފަދަ ކަމެއް ވެސް ނުކުރެވެއެވެ.
ދެން އޮތީ މިސްކިތްތަކުގެ ސެކިޔުރިޓީ ބަލަހައްޓާނެ ފައިސާގެ މައްސަލައެވެ. ކޮމަންޑޫދާއިރާއަށް ވަކިމީހަކު ހޮވަން ސަރުކާރުން ކުއްލިއަކަށް އެދާއިރާއަށް އޮއްސައިލި މަޝްރޫޢުތަކުގެ އަގުގެ އަދަދަށް ބަލައިފިނަމަ އެޢަދަދުގެ އެންމެ އިންސައްތައަކުން 5 އަހަރު މާލެސިޓީގެ ހުރިހާ މިސްކިތްތަކުގެ ސެކިޔުރިޓީ ނުބެލެހެއްޓޭނީތޯއެވެ؟ ވީމާ ދައުލަތުގައި ފައިސާ ނެތަކަމަށް ބުނެގެން ދެކޮޅު ޖެއްސިދާނެތޯއެވެ؟
މިސްކިތްތަކުގެ ޙުރުމަތް ކެނޑުމުގެ މައްސަލަ އަަބދުހެން ކުރިމަތިވަމުން އަންނައިރު އެކަންކަމަށް ޙައްލެއް ހޯދަން ކުރެވޭ އެއްވެސް ކަމެއް އެބަފެނޭތޯއެވެ؟ ވީއިރު ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތަކާއި ނަމާދުކުރާ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށްދެއްވެވުން އެދި ދުޢާކުރުން ނޫން ގޮތެއް އެބައޮތްތޯއެވެ؟ މިސްކިތްތަކަށް އަޅައިނުލާ ވެރިންގެ ކިބައިން މުސްލިމުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރުން ނޫން ގޮތަކީ ކޮބައިތޯއެވެ؟
ނަފްސާނީ ބަލިމީހުންނާއި އަމިއްލައަށް ބަލިވެގެން އުޅޭ މީހުން މަގުިތަކުގައި އުޅޭކަމާއި އެމީހުންގެ ސަބަބުން މިފަދަ މައްސަލަތައް ކުރިމަތިވަމުން އަންނަކަން ކަމާއިބެހޭ ވެރިންނަށް އަދިވެސް ހަމަ ނުއެނގެނީތޯއެވެ؟
ވެރިއަކު މަގަކުން ދާނަމަ އެމީހުންގެ ޙިމާޔަތުގައި އެތައް ބައިވަރު ވެހިކަލްތަކެއް ދުއްވައެވެ. މަގުމަތީގައި ހުކުރުނަމާދުކުރަން ތިބޭ 10 ވަރަކަށް މިނިޓްއިރު އެ ސަރަހައްދު ބަލަހައްޓާ ބައަކު އެބައުޅޭތޯއެވެ؟ އަޢުރަނިވާނުކޮށްތިބެ އެމީހުންގެ ތެރެއަށް ވަދެގަތުން އެބަހުއްޓުވާތޯއެވެ؟ ނަމާދަށް ތިއްބައި ގާތުން ބާރުބާރަށް ވެހިކަލް ދުއްވުން އެބަ ހުއްޓުވޭތޯއެވެ؟
ވީމާ ކަންކަން ހިނގާގޮތުގެ ވާހަކަ ލިޔުނީމާ ކޯފާވުމުގެ ބަދަލުގައި ތިއަ ބޭފުޅުންވެސް ކަމާއިބެހޭ ފަރާތްތަކުގައި ދަންނަވައިގެން މިސްކިތްތަކާއި ނަމާދުކުރާ މީހުން ހިމާޔަތްކުރެވޭތޯ ބައްލަވައިދެއްވުން ކީއްތޯއެވެ؟ ވެރިންނާއި ސަރުކާރުދެކެ ލޯބިވުމަކީ ކަންބޮޑުވާންޖެހޭ ކަންކަމުގެ ވާހަކަ ނުދެއްކުމެއް ނޫނެވެ. ވާހަކަ ދައްކައިގެން ޙައްލުހޯދަން މަސައްކަތްކުރުމެވެ.
މިސްކިތްތަކަށް މިހާރުކުރިމަތިވަމުންމިދާ މައްސަލަތައް ކުރިމަތިވަނީ އެޕާޓީއަކުން އިސްލާމިކް މިނިސްޓްރީ ހިންގާ، އަދި ފުލުހުންގެ ވެރިކަންވެސް އޮތް އަދާލަތުޕާޓީއަށް އެކަންކަން ބަލެހެއްޓުމުގެ ޒިންމާނެތިކަމަށްވާނަމަ އެޕާޓީގެ ރައީސް ޝައިޚް އިމްރާން، ލޮނުޒިޔާރަތްކޮޅު ސްޓޭޖުން ފައިބާވަޑައިގަންނަވާނެތޯއެވެ؟ އެމަނިކުފާނުގެ ނިތްކުރިން ފޮތިގަނޑު ނަންގަވާނެތޯއެވެ؟
މިހިރީވެސް ހަމަ ޖަވާބު ބޭނުންވާ ސުވާލުތަކެވެ. މިފަދަ ވާހަކަތަކެއް ލިޔުމުން ކުރިން ބޭފުޅަކު ވިދާޅުވެފައިވެއެވެ. "އެހެން ޕާޓީތަކުންވެސް ދީން ޙިމާޔަތްކުރަން މަސައްކަތްކުރަން ޖެހެއެވެ." އެއީވެސް ތެދެކެވެ. އެކަމަކު ސުވާލަކީ އިސްލާމިކް މިނިސްޓްރީ އާއި ފުލުހުންގެ ވެރިކަން ހުރިހާ ޕާޓީއަކަށް އެބައޮތްތޯއެވެ؟
ކޮންމެއަކަސް ﷲ ތަޢާލާއަށް ބިރުވެތިވާ މުސްލިމަކު ނަމަ މިއަދުގެ މިޙާލަތުން ސަލާމަތްކުރެއްވެވުން އެދި ދުޢާކުރަން އެބަޖެހޭ ނޫންތޯއެވެ؟