އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑުވަރިކޮށްލާފައި ދިއައީ ދަރިފުޅަށް 6 މަހުގައެވެ. އެހިސާބުން ދެވަނަފަހަރަށް ވަޒީފާއެއް ހޯދަން މަޖުބޫރުވިއެވެ. ވަރަށް ގިނަ ތަންތަނަށް ސިޓީލީމެވެ. އިންޓަރވިޔުއަށް ވެސް ގެންދެއެވެ. ލިބިފައިވާ ފާހާއި މާކްސްމަތިވެފައި ތަޖުރިބާވެސް ހުރުމުން ޝަރުޠުތައް ހަމަވެއެވެ.
ނަމަވެސް ކުޑަދަރިފުޅަކު ބަލަމުންދާ އެކަނިވެރި މައެއްކަން އެނގޭ ހިސާބުން އިންޓަރވިޔުއިން ފޭލްވެއެވެ. ފޭލްވިކަމަކަށް ނުބުނެއެވެ. ފަހުން ގުޅާލާނެ ކަމަށްބުނެފައި ނުގުޅަނީއެވެ. އަޅުގަނޑު ގުޅީމާ ފޯނުވެސް ނުނަގަނީއެވެ. އެހެންވެ މިހެންމިވަނީ ކީއްވެގެންކަން ޔަޤީންކުރެވޭނެ ގޮތެއް ނުވެއެވެ.
އެހެންވެ މިކަން މިހާމަކުރަނީ އަޅުގަނޑުގެ އަމިއްލަވިސްނުމުންނެވެ. އަޅުގަނޑު އިންޓަރވިޔުއަށް ދިއަ ބައެއް ކުންފުނިތަކުގައި މަސައްކަތްކުރާ އެކުވެރިންގެ ކިބައިން ލިބުނު މައުލޫމާތުގެ މައްޗަށް ބުރަވެހުރެއެވެ.
އެކުންފުނިތަކުގައި އަޅުގަނޑުފަދަ އެކަނިވެރި މައިން މަސައްކަތްކުރެއެވެ. މަސައްކަތް ލުޔެއް ނުކުރެއެވެ. ރޭގަނޑު ދަންވަރުވަންދެން އެމީހުން ލައްވައި މަސައްކަތްވެސް ކުރުވައެވެ. އަސާސީ މުސާރަ ވަރަށް ކުޑައެވެ. ކިރިޔާވެސް ދެކޮޅުޖެއްސެނީ އިތުރުގަޑީގައި މަސައްކަތްކޮށްގެންނެވެ. އެހެންވެ ދަރިން ދޫކޮށްލާފައި ހަމަ އެދަރިންނަށްޓަކައި މަސައްކަތްކުރަން މަޖުބޫރުވާތީ މަސައްކަތްކުރަނީއެވެ.
އަންހެނުން ވަޒީފާއަދާކުރުމާ ދެކޮޅަށް ވަރަށް ގިނަ ވާހަކަތައް ދައްކައެވެ. ފަތުވާތައްވެސް ނެރެއެވެ. އަޅުގަނޑުވެސް ކައިވެނިކުރީ ވަޒީފާ އަދާކުރަމުންނެވެ. ބަލިވެއިނުމުން އިސްތިޢުފާދީފައި ގޭގައި ހުރީއެވެ. ދަރިއަކު ލިބުމުން ވަރިކޮށްލާފައި ދިއައީއެވެ. ޚަރަދެއް ނުދެއެވެ. ދަރިފުޅު ބަލަހައްޓަންވެސް ފައިސާ ބޭނުންވެއެވެ. އެކަމުގައި އެހީތެރިވެދޭނެ ފަރާތެއް ނުދެއެވެ. ޚަރަދުނުދީގެން އެލޭ ފިޔަވަޅެއް އޮންނަ ކަމަކަށް ނުވެއެވެ.
އެހެންކަމަށްވާއިރު އެކަނިވެރިމައަކަށްވީތީ ވަޒީފާ ނުދޭނަމަ ބޭނުންވާ ފައިސާ ޙަލާލުގޮތުގައި ހޯދޭނެ ގޮތަކީ ކޮބައިތޯއެވެ. މިކަން އަޅުގަނޑަށް މިވަނީ ބޮޑު އަރަތަކަށްވެފައެވެ. މިއަދުނޫސް މެދުވެރިކޮށް ސަމާލުކަމަށް މިގެނައީ ޚިޔުންތެރިންގެ ޚިޔާލުހުރިގޮތެއް ބަލައިލުމަށެވެ.
- ޝިއުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް