އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ގެ ހިދުމަތް ދިނުމުގެ ޓްރަޔަލް އުރީދޫ އިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 26ސ
އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ގެ ހިދުމަތް ދިނުމުގެ ޓްރަޔަލް އުރީދޫ އިން ފަށައިފި

އުރީދޫ މޯލްޑިވްސް އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތުގެ ޓްރައްލް ރަސްމީކޮށް ފަށާފައިވާ ކަމަށް އެކުންފުނިން މިއަދު ބޭއްވި ޙާއްސަ ހަފްލާއެއްގައި ވަނީ އިއުލާނު ކޮށްފައެވެ. އިންޓަނޭޝިނަލް މަނީ ޓްރާންސްފަރ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ލައިސަންސް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން މި އަހަރު ކުރީކޮޅު އެ ކުންފުނިއަށްވަނީ ދީފައެވެ.

މި ލައިސަންސް ދޫކުރެވުނު ދުވަހުން ފެށިގެން އުރީދޫ މޯލްޑިވްސްގެ ސިސްޓަމްތައް ބައިނަލްއަގްވާމީ ޕާޓްނަރުންނާއި އިންޓަގްރޭޓްކޮަށް، މި ސިސްޓަމްގެ ތަފާތު ޓެސްޓުތައް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ޙިދުމަތް ރަސްމީކޮށް އިފްތިތާހުކުރެވުމުން އެމް-ފައިސާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބައިނަލްއަގުވާމީ މަނީ ޓްރާންސްފާގެ ހިދުމަތް ފޯރުކޮށްދެވިގެން ދިޔުމަކީ މޮބައިލް މަނީ ދާއިރާއިން ހާސިލުކުރެވޭ މުހިންމު ލަނޑުދަނޑިއެކެވެ.

ކުރިއަށް އޮތް މަސްތަކުގައި މި ހިދުމަތް ރަސްމީކޮށް ތައާރަފްވުމުން، އެމް-ފައިސާ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއިލާ އާއި ރައްޓެހިންނަށް ކޮންމެތާކުން، ކޮންމެވަގުތަކުވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވާލެވޭނެއެވެ. އެމް-ފައިސާ ވޮލެޓުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނީ ދިވެހި ރުފިއްޔާއިންނެވެ. އަދި ފައިސާ ލިބިވަޑައިގަންނަ ފަރާތައް ފައިސާ ލިބޭނީ އެމީހެއްގެ އެކައުންޓަށް ނުވަތަ ޑިޖިޓަލް ވޮލެޓްތަކަށް ޑޮލަރު ނުވަތަ އެ ގައުމެއްގެ ފައިސާއިންނެވެ.

"ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އަޅުގަނޑުމެން މިކުރާ ދަތުރުގައި މި އަދަކީ މުހިންމު މޭލުގަލައް ހާސިލްކުރުމަށް ނެގޭ ވަރަށް ބޮޑު ފިޔަވަޅެއް. އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ މުއާމަލާތްތަކާއި ފުރުސަތުތައް ފަހި ކޮށްދިނުން. އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ ރަސްމީކޮށް އިފްތިތާހު ކުރުމާއެކު ފަސޭހަކަމާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް މާލީ ފުރުސަތުތައް ފުޅާވެ، ކޮންމެތާކު އަދި ކޮންމެ ވަގުތަކުވެސް ބޭރު ގައުމުތަކުގައި ދިރިއުޅުއްވައި އާއިލާ އާއި ރައްޓެހިންނަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ފަސޭހަކަން ލިބިގެންދާނެ." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް.

އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އެމް-ފައިސާ ވޮލެޓެއް ރެޖިސްޓަރ ކޮށްލުމުން ފައިސާ ފޮނުވޭނެއެވެ.

އުރީދޫއިން ބުނެފައިވަނީ މި ޕްރޮޖެކްޓާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކާއި ވިޔަފާރިތަކަށް ޑިޖިޓަލް މާލީ ހިދުމަތްތައް އިތުރަށް ފަހިކޮށްް، އީޖާދީ ޕޭމަންޓް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

މިއަދު އޮންލައިން