ބީޖޭޕީގެ އިސްލާމްދީނާ ޢަދާވާތްތެރި ފިކުރު ދިވެހިލޭހުރި މުސްލިމް ޒުވާނުން ބަލައިނުގަންނާނެކަމާއި ދައްޖާލުގެ ފިކުރު ރާއްޖެއަށް އިންބައުންޑު ކުރިއަނުދޭނެކަން ދިވެހި ޒުވާނުން ދައްކާލައިފި އެވެ.
ހުކުރުނަމާދަށްފަހު އޭސިއާގެ ގިނަ ޤައުމުތަކެއްގައި ވަނީ އިންޑިއާ އާއި ދެކޮޅަށް އަޑުއުފުލައި މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ. މިއަދު ދިވެހި ޒުވާނުން ދައްކައިދިނީ އެމީހުންނަކީވެސް އަނގައަށް އަލުތްވަކާއި ފިޔައެއް ޖަހައިގެން ތިބޭނެ ބައެއް ނޫންކަމެވެ. ފިޔާގެ ދިލަ ލޮލަށް އެރިނަމަވެސް އިސްލާމް ދީނުގެ ޙިމާޔަތުގާ ސާބިތުވެ ތިބޭނެ ބައެއް ކަމެވެ.
މިއަދުގެ ސައިކަލްބުރަށް ނުކުތް ޒުވާނުންނަށް އެތައް ހާސް ރައްޔިތުން ވަނީ ވަރަށްބޮޑަށް ތަޢްރީފްކޮށްފައެވެ. މިއީ ފެށުމެކެވެ! ﷲ ތަޢާލާގެ ވާގިފުޅާއިއެކު ކިތަންމެ ބައިވަރު ބިހެއް އަޅާފައިވެސް ވެލާ އެތަނުގައި ނޯވެ ފައިބައިގެންދާންޖެހޭ އުޞޫލުން ކަންކަން ނިމިގެންދާތަން ފެންނާނެއެވެ!
ގުޅުންހުރި ޚަބަރު:
"މަގޭ ނަބިއްޔާ" ނަމުގައި ޒުވާނުން އިސް ނަގައިގެން މާލޭގައި މިއަދު ހަވީރު ބޭއްވި ސައިކަލް ބުރުގައި އެތައް ސަތޭކަ މީހުން ބައިވެރިވެއްޖެއެވެ.
މާލޭގެ ރަސްފަންނު ސަރަހައްދުން ފަށައިގެން ބޮޑުތަކުރުފާނު މަގުގައި ކުރިއަށް ގެންދިޔަ، މިސައިކަލު ބުރުގައި ބައެއް މީހުން ތިބީ ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެންނެވެ. އަދި ސައިކަލު ބުރުގައި ބައިވެރިވި ޒުވާނުން ދިޔައީ "ﷲ އަކްބަރު" ގޮވަމުންނެވެ.
މާލޭގައި މިފަދަ ސައިކަލު ބުރެއް މި ބޭއްވީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސް ބަޔަކު ކީރިތި ރަސޫލާ صلى الله عليه وسلم އަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމާ ގުޅިގެން ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ އިސްލާމީ ގިނަ ގައުމުތަކަކުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މި ސައިކަލު ބުރަކީ ސިޔާސީ ޕާޓީއަކުން އިންތިޒާމްކުރި ސައިކަލުބުރަަކަށް ނުވިނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަން ޝާމިލުވި ހަރަކާތެެކެވެ.
ހުކުރު ދުވަހު ޕީޕީއެމްގެ ޒުވާނުންގެ ގޮފިން ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވައި، މިކަން ހާމަކޮށްފައެވެ.
ޕްރެސް ކޮންފަރެންސްގައި ޕީޕީއެމްގެ ޒުވާނުންގެ ގޮފިން ވަނީ ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރުމާއި ދެކޮޅަށް ބާއްވާ ސައިކަލު ބުރަށް ޕީޕީއެމް އާއި ޕީޕީއެމްގެ ޒުވާނުންގެ ގޮފިން އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ.
އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި ބައިވެރިވެ އެ ޤައުމުގައި ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނު ވަނީ ކީރިތި ރަސޫލާ صلى الله عليه وسلم އާއި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށްފައެވެ.
އެގޮތުން ނަބިއްޔާ صلى الله عليه وسلمއަށް ނިސްބަތްކޮށް ހުތުރު ބަސްތައް ބޭނުންކޮށް، އެކަލޭގެފާނުގެ ޝަޚުޞިއްޔަތަށް ތައުހީނުކުރުމުގެ އިތުރުން، ކީރިތި ޤުރުއާނަށްވެސް ފުރައްސާރަކޮށް، އެ ފޮތާމެދު ނަފުރަތާއި ރުޅިވެރިކަން އުފައްދަން އޭނާ ވަނީ މަސައްކަތްކޮށްފައެވެ.
- ވީނިޔުސް