އިސްލާމް ދީނާ ދެކޮޅު ޖަރީމާތައް ހިންގަމުން ގެންދާއިރުވެސް އަނގަ ބަންދުވެ ފަހަތު ފަޔައަށް ބުރަވެފަ އެތިބެނީ ކީއްވެފަ ތިބޭ ބައެއްތަ؟
ކިޔުންތެރިޔާގެ ސުވާލު ވަރަށް މުހިންމެވެ. އަނގަ ބަންދުވުމުގެ އިތުރުން ޕެޕަރސްޕްރޭ ނުޖެހިނަމަވެސް ލޯބަންދުވެފައި ތިބި ބައަކު ރާއްޖޭގައި އެބަ އުޅެއެވެ. އިސްލާމް ދީން ނެތިކޮށްލަން އެތައް ކަމެއް ކުރަމުންގެންދާއިރުވެސް ނިގޫ ފިތި އަނގަހުޅުވައި ނުލެވޭ ބައަކު އެބަތިއްބެވެ. އަދި ބަހެއް ބުނާނަމަ އެގޯޅީން މިގޯޅީން ގެންގޮސް މޮޔަގޮވޭއިރުވެސް ޙައްޤުބަސް ބުނަން ނުކެރޭ މީހުން އެބަތިއްބެވެ؟
ތިރީގައިވާ ލިޔުމުން އެނގޭ ގޮތުގައި އެއީ އަބޫޖަހުލުގެ ދަރިކޮޅުގެ މީހުންނެވެ! ތިމަންމެން މިތިބީ ޙައްޤުމަގުގައި ނޫންކަމާއި ﷲ ތަޢާލާއަށް ކުޑަނަމަވެސް ފުރައްސާރަކުރާ ބައަކާއިއެކު ކުރިއަށް ދިއުމަކީ ﷲ ތަޢާލާއަށް ކުރާ ފުރައްސާރައެއްކަންވެސް އެނގޭނެއެވެ. އެމީހުންނަށް އެބުނެވެނީ "ތިމަންމެން ﷲ ގެ ރަޙްމަތެއް ބޭނުމެއް ނޫނެވެ." އެއީ ނޫޙުގެފާނުގެ ދަރިކަލުން ވެސް ތިމަންނާ އަމިއްލައަށް ފަތާލާފައި ގޮސް އެހެރަ ފަރުބަދައަށް އަރާފާނަނޭ ނޫޙުގެފާބަށް ދެންނެވިފަދައިންނެވެ.
ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅު:
އިސްލާމް ދީނުގެ ދިފާޢުގައިވެސް އަދި އެހެން ކަންކަމުގައިވެސް ޙައްޤު ބަސް ބުނާނަމަ ރުޅި އަންނާނެ ބައަކު އަބަދުވެސް ތިބޭނެއެވެ. ޙައްޤު ބަސް ބުނުމުން ރުޅިއަނންނަނީ އެއީ ޙައްޤު ބަސްކަން ނުއެނގޭތީއެއް ނޫނެވެ. ރުޅިއަންނަނީ މީސްތަކުން އިޞްލާޙްވެ ނުބައި އަމަލުތައް ނުކުރާނަމަ އެކަމުގެ ސަބަބުން އެމީހުންނަށް ކުރަމުން އަންނަ ދުނިޔަވީ ފައިދާތައް ނުލިބިދާނެތީއެވެ.
މިސާލަކަށް އަބޫޖަހުލު ބަލާށެވެ! އިސްލާމް ދީނަކީ ޙައްޤު ދީންކަން އަބޫޖަހުލަށް ހަމަ ރަނގަޅަށް އެނގެއެވެ. ރަސޫލް (ﷺ) އެއްވެސް ޙާލެއްގައި އިތުރުފުޅެއް ނުހައްދަވާނެކަންވެސް އަބޫޖަހުލަށް ޔަޤީން ކުރެވެއެވެ. "މިފަރުބަދައިގެ އެފަރާތުން ހަނގުރާވެރި އެބަ އަންނަ ކަމަށް ޙަދީޘްފުޅު ކުރައްވަވައިފިނަމަ ތިއަބައިމީހުން ތިމަންކަލޭގެފާނުގެ ބަސްފުޅު ޤަބޫލުކުރާނަންތޯ" ސުވާލު ކުރެއްވެވުމުން ރަސޫލް ގެ އެއްވެސް ބަސްފުޅެއް ދޮގަކަށް ނުވާނެ ކަމަށް ފުރަތަމަ ބުނީވެސް އަބޫ ޖަހުލެވެ. ނަމަވެސް ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށާއި ބުދުތަކަށް އަޅުކަން ނުކުރަން ޙަދީޘްފުޅު ކުރެއްވެވުމުން އެކަމަށް ފުރަތަމަ އިންކާރުކުރީވެސް ހަމަ އަބޫޖަހުލެވެ. އެއްތަނެއްގައި އެއް ފިޔވަޅުމަތީގައި ހުރެގެން އެއް ވަގުތަކުއެވެ.
އަބޫޖަހުލުގެ ކަންބޮޑުވުމަކީ އޭނާ އިސްލާމް ވެއްޖެ ނަމަ އޭނާ މީސްތަކުންގެ މުދައުތައް ފޭރިި އެކަމުން މުއްސަނދިވާ މުއްސަނދިވުން ނިމިގެންދާނެތީއެވެ. އޭނާ ކުރަން ބޭނުންވާހައި ކަމެއް ނުކުރެވޭނެތީއެވެ.
ޙައްޤު ބަސް ބުނުމުން މިއަދުވެސް ބައަކު ދެކޮޅު ހަދަނީ ހަމަ އެސަބަބަށްޓަކައެވެ. ޙައްޤުބަސް ބުނާ މީހުން ދެކެ ރުޅި އަންނަނީވެސް ހަމަ އެ ސަބަބަށްޓަކައެވެ.
ބައަކު ކިތަންމެ ވަރަކަށް ރުޅި އައި ނަމަވެސް، ދެކޮޅުވެރިވީނަމަވެސް ޙައްޤު ބަސް ބުނުން ހުއްޓައިނުލާށެވެ! ސާބިތުކަމާއިއެކު ޙައްޤުބަސް ބުނަމުން ގެންދާށެވެ! އެބަސްތަކުގެ އަޑު އިވި އެންމެ މީހަކު އިސްލާޙްވި ނަމަވެސް އެކަމުގެ ފައިދާ އެއޮތީ ލިބިފައެވެ. އެމީހަކަށް އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ކުރާނެއެވެ! އިން ޝާ ﷲ. ހަމަ އެއާއިއެކު އެންމެ މީހަކު ޤަބޫލު ނުކުރި ނަމަވެސް ޙައްޤު ބަސް ބުނަމުން ގެންދާށެވެ! ޙައްޤު ބަސް ބުނިކަމުގެ ސަވާބު އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން