"ދިވެހި ފަސްގަނޑުގައި الله އަށް ޝިރްކު ކުރެވޭފަދަ އެއްވެސް ޢަމަލެއް ކުރުމަކީ ދީނީ އަދި ޤާނޫނީ ކުށެއް. ރާއްޖޭގައި އެއްވެސް ޤާނޫނެއް އަދި ޤަވާޢިދެއް އިސްލާމީ ޝަރީޢަތާއި ޚިލާފަށް ނުހެދޭނެކަން ވަރަށް ސާފުކޮށް ޤާނޫނު އަސާސީގައި ބަޔާންވެފައިވޭ."
ޔޯގާއަކީ މުސްލިމަކު ކުރުން ހުއްދަ ކަމެއް ނޫނެވެ! އެއީ. އިޢުތިޤާދަކުން ނުވަތަ ބަޔަކު ކޮޕީކުރުމުގެ ގޮތުން، ނުވަތަ އެކަން ފަތުރާމީހުން ބުނާކަހަލަ ފައިދާތަކެއް ހުރިކަމުގައި ވީނަމަވެސް މެއެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުން އޭގެ ބައެއް ކަސްރަތަކީ އިންސާނާއަށް ގެއްލުންހުރި ކަންކަމެވެ
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އޮޅުވާލުމެއްގެތެރެއިން ވަރަށް ހީލަތްތެރިގޮތެއްގައި ހިންދޫންގެ ދީނީ ބައެއް ޙަރަކާތްތައް ހިމެނޭ ޔޯގާރޯގާ އާއި ހުޅިގެން ޑރ. އިޔާޟް އާއި އެހެންވެސް ދީނީ ޢިލްމުވެރިން އަބަދުވެސް ގެންދަވަނީ މިފަދަ ނަސްފުޅުތައް ވިދާޅުވަމުންނެވެ. އެއަޑު އިވެންޖެހޭ ވެރިންނަށް ނުއިވެނީއެވެ. އެބޭފުޅުން ބިޒީކަމުން އައައްސަވާނެ ވަގުތެއް ނުވެއެވެ.
ޔޯގާރޯގާ ފަތުރާ ދުނިޔޭގެ ދުވަސް ފާހަގަކުރަން މާލޭގައި ކުރިއަށް ގެންދާ ޙަރަކާތް ހިންގަން ސިޓީ ކައުންސިލުން ރަސްފަންނު ނުދޭން ނިންމިޚަބަރާއި ގުޅިގެން މިހާރު ލިބެމުންދަނީ އެނިންމުމާއި ސަރުކާރު ދެކޮޅުކަމުގެ ވާހަކަތަކެވެ.
"ރާއްޖޭގައި ފިތުނައާއި ފަސާދަ އުފެދި އަޅުގަނޑުމެނަށް އިއާދަ ނުކުރެވޭނެ ހިސާބަށް ކަންތަށް ދިއުމަކީ ދުރުގައިވާ ކަމެއް ނޫންކަން ހަނދުމަ ކުރައްވާށެވެ."
ހިންދޫ ދީނުގެ ޙަރަކާތްތަކެއް މޮޑިފައިކޮށް، އެއީ އަޅުކަމެއް ނޫންކަން ދައްކުވައިގެން ހަދާ ޔޯގާ ރާއްޖޭގައި އެމންމެ ވަރުގަދައަށް ޕްރަމޯޓްކުރަނީ ޔޫތްމިނިސްޓްރީންނެވެ. އިންޑިއާގެ ޘަޤާފީ މަރުކަޒުގެ ނާޗަރަންގީ ޕްރޮގްރާމްގައި ހިމަނައިގެންވެސް ޔޯގާރޯގާގެ ކަންކަން ކުރިއަށްގެންދެއެވެ.
އަބަދުވެސް ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ޔޯގާ ރޯގާއަށް ދެކޮޅު ހައްދަވައެވެ. ނަމަވެސް ފާއިތުވި ސަރުކާރުތަކުން އިންޑިއާއަށް އޮންނަ އަޅުވެތިކަމެއްގެ ސަބަބުން އެޅޭނެ ފިޔަވަޅެއް ނުއޮންނަނީއެވެ. އަދި ޔޯގާރޯގާ ހިންގާ ތަންތަނަށް ދައުލަތުގެ ވަޒީރުން ވަޑައިގެން ޝަރަފުވެރިކޮށްދެއްވައި ދައްކަވާ ވާހަކަފުޅުގައި ޔޯގާރޯޖާއިން ޙައްލުނުކުރެވޭނެ ކަމެއް ނޯންނާނެކަން ދޭހަވާ ފަދަ ޢިބާރާތްތަކުންވެސް ވާހަކަދައްކަވައެވެ.