އިސްލާމިކް މިނިސްޓަރަށް މިސިޓީ ލިބިވަޑައިގެންފިބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
އިސްލާމިކް މިނިސްޓަރަށް މިސިޓީ ލިބިވަޑައިގެންފިބާ؟

ދިވެހިރާއްޖޭގައި ހިންގޭ ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ޙަރަކާތްތައް ހުއްޓުވައިދެއްވުމަށް އެދި އިސްލާމިކް މިނިސްޓްރީއަށް ސިޓީ ލައިފީމެވެ.

- ޢިލްމުވެރިންގެ ގުޅުން

بسم الله الرحمن الرحيم

މާލެ،

ދިވެހިރާއްޖެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙްމަދު ޒާހިރަށް،

السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.  

ޔޯގާގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަ ކުރަމުން އަންނަ ހިންދޫންގެ އަޅުކަމުގެ ޙަރަކާތްތައް މިރާއްޖޭގައި ފެތުރެމުން ދިއުމަކީ ދީނީ ޢިލްމުވެރިންގެ ޙައިޘިއްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ.  މިކަމަކީ ކަސްރަތުގެ ނަމުގައި އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ހިންގޭ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެވެ. 

ޔޯގާގެ އަޅުކަން މިޤައުމުގައި ޢާއްމު ކުރެވެމުން ދާއިރު އެކަމާ މެދުގައިވާ ދީނީ ޙުކުމްތައް ޢާއްމު ރައްޔިތުންނަށް ބަޔާންކޮށްދީ، އޭގެ ނުރައްކާތެރިކަމާ މެދުގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް އިސްވެ ހިންގުމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަންގަވައިގެން ކުރައްވަންވާނެ ކަމެއްކަމަށްވެފައި އެކަން ކުރެއްވުމުގެ އިޚްތިޞާޞާއި މަސްއޫލިއްޔަތު އޮތް ފަރާތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ކަމަށްވާތީ، ކަމާ ބެހޭ ފަރާތްތައް މެދުވެރި ކުރައްވައިގެން އެކަންކަން ހުއްޓުވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދި ދެންނެވީމެވެ. 

އަދި ޔޯގާގައި ކޮންމެވެސް މިންވަރެއްގެ ޞިއްޙީ ފައިދާތަކެއް ހުރެދާނެ ކަމަށް ބެލެވުނަސް، އެފަދަ ނުވަތަ އެއަށްވުރެ ބޮޑެތި ފައިދާތައް އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ނަމާދާއި އެނޫން ކަސްރަތުތަކާއި ޙަރާކާތްތަކުން ލިބޭނެ ގޮތްތައް ހުރެމެ، އެހެން ބައެއްގެ ޚާއްޞަ ދީނީ އަޅުކަމެއްގެ ގޮތުގައި ހިމެނިފައިވާ ޢަމަލުތަކެއްގައި ބައިވެރިވެ ހެދުމަކީ ދީނީ ގޮތުން ހުއްދަވާނެ ކަމެއް ނޫންކަން ދައުލަތުގެ ރަސްމީ ފެންވަރުގައި ޢާއްމުކޮށް އިޢުލާނުކޮށް ދެއްވުމަށާއި، އަދި މިހިނގާ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވާ އަންގާރަ ދުވަހު، ދިވެހިރާއްޖޭގައި ފާހަގަ ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ޔޯގާ ދުވަހުގެ ޙަރަކާތްތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ޢަމަލީ ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް އެދި ދެންނެވީމެވެ. 

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ. 

21 ޛުލްޤަޢިދާ 1443

20 ޖޫން 2022. 

 

ޔޯގާއާ ގުޅޭ ދީނީ ބައެއް ލިންކުތައް:  

1- https://dhisalafiyyah.net/article/37548 (ފޮތް: ޔޯގާގެ ޙަޤީޤަތް) 

2- https://dhisalafiyyah.net/article/34877 (ކަސްރަތެއްގެ ގޮތުގައި ޔޯގާ ބޭނުންކުރުމުގެ ޙުކުމް 1) 

3- https://dhisalafiyyah.net/article/34885 (ކަސްރަތެއްގެ ގޮތުގައި ޔޯގާ ބޭނުންކުރުމުގެ ޙުކުމް 2) 

4- https://dhisalafiyyah.net/article/34895 (ކަސްރަތެއްގެ ގޮތުގައި ޔޯގާ ބޭނުންކުރުމުގެ ޙުކުމް 3) 

5- https://dhisalafiyyah.net/article/34897 (ކަސްރަތެއްގެ ގޮތުގައި ޔޯގާ ބޭނުންކުރުމުގެ ޙުކުމް 4)

 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް،

 މާލެ، ދިވެހިރާއްޖެ.

މިއަދު އޮންލައިން