މިއީ ބޮޑުގޭ ވަގުތީ މިސްކިތާ ދިމާލުން މަގުގެ އަނެއްފަރާތުގައި ބަހައްޓާފައި ހުންނަ އުނދުނެކެވެ. އެއުނދުނުން ކޮންމެ ދުވަހަކު ގަޑިއެއްހާއިރު ކުރާ މަސައްކަތުން 100 ވަރަކަށް މަސްރޮށި ފިހެފައި ވިއްކައެވެ. މަސައްކަތް ފަށާތާ ގަޑިއެއްހާއިރުގެ ތެރޭގައި ހުރިހާ މަސްރޮށި ވިކި ހުސްވެއެވެ. މާޝާ ﷲ.
މަސްރޮށްޓެއް ވިއްކަނީ 8 ރުފިޔާއަށެވެ. 8 ރުފިޔާއަކީ އެމަސްރޮށީގެ ސައިޒަށާއި ރަހައަށް ބަލާއިރު ހަމަ ހަމަ ވަރަށް ހެޔޮ އަގެކެވެ. އެހެންވެ ވަރަށް ދުރުންވެސް ގަންނަން މީހުން ޢާދެއެވެ.
އުނދުން ކައިރިއަށް ގެނެސްފައި ހުންނަނީ ތައްޔާރުކޮށްގެންނެވެ. އުނދުނުން ހޫނުކޮށް ރަނގަޅަށް ރޯފިލުވާފައި ވިއްކަނީއެވެ. މިމަސައްކަތާއި އިތުރު ހެދިކާ ވިއްކައި ހަދަނީ ޕްލައިވުޑެއްގެ ބޮޑުމިންވަރުގެ ކުޑަ ގޮޅިއެއްގައެވެ.
މިފަދަ ކަންކަމަކީ ރަނގަޅު ގޮތުގައި ކުރާނަމަ ކުދިކުދި ތަންކޮޅުގައިވެސް ކުރެވޭނެ ވަރަށް ފައިދާބޮޑު މަސައްކަތް ކަމުގައި ފާހަގަކުރެވެއެވެ. އަންހެންވެރިންނަށް އަމިއްލަ ގޭގޭގައި ތިބެގެންވެސް އާމްދަނީ ހޯދޭނެ މަގެއްކަން ފާހަގަކުރެވެއެވެ.