ޕާކިސްތާނު ހައިކޮމިޝަނުން ކީރިތި ޤުރްއާނާ ބެހޭ މަރުކަޒަށް ދިހަ ލެޕްޓޮޕް ހަދިޔާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޕާކިސްތާނު ހައިކޮމިޝަނުން ކީރިތި ޤުރްއާނާ ބެހޭ މަރުކަޒަށް ދިހަ ލެޕްޓޮޕް ހަދިޔާކޮށްފި

ހައިކޮމިޝަން އޮފް ދަ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާންއިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒަށް 10 ލެޕްޓޮޕް ހަދިޔާކޮށްފިއެވެ. 

މިކަމަށްޓަކައި އެ ަމރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ޕާކިސްތާނު ހައިކޮމިޝަންގެ ފަރާތުން ލެޕްޓޮޕްތައް ހަވާލުކޮށްދެއްވީ ހައިކޮމިޝަނަރ އޮފް ޕާކިސްތާން ހިޒް އެކްސެލަންސީ ވައިސް އެޑްމިރަލް ރިޓަޔަރޑް އަޠްހަރް މުޚްތާރްއެވެ. 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒަށް ލެޕްޓޮޕްތައް ހަދިޔާ ކުރުމާގުޅިގެން އެކަން ފާހަގަކުރައްވައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގެ ފަރާތުން ޕާކިސްތާނު ހައިކޮމިޝަނަށް އައްޑަނައެއް ވަނީ އަރުވާފައެވެ. 

މި އައްޑަނަ ހަވާލުކުރެއްވީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އައްޝައިޚް އިލްޔާސް ޖަމާލްއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށްޓަކައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުން ހިންގަމުންދާ ހަރަކާތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި މަރްކަޒަށް، ހައިކޮމިޝަނަރ އޮފް ޕާކިސްތާން ހިޒް އެކްސެލަންސީ ވައިސް އެޑްމިރަލް ރިޓަޔަރޑް އަޠްހަރް މުޚްތާރް ޝުކުރު ދެންނެވިއެވެ.. އަދި މި ހަރަކާތްތައް ކުރިއަށް ގެންދެވުމުގައި މަރްކަޒުގައި މަސައްކަތްކުރައްވާ މުދައްރިސުންގެ ދައުރު ޚާއްސަގޮތެއްގައި ފާހަގަ ކުރެއްވިއެވެ. 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒަށް ލެޕްޓޮޕްތައް ހަދިޔާ ކުރެއްވުމާގުޅިގެން ޝުކުރު ދަންނަވަމުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އައްޝައިޚް އިލްޔާސް ޖަމާލްގެ ވާހަކަފުޅުގައި ހައިކޮމިޝަން އޮފް ދަ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒާއިއެކު ބާއްވަވާ ގާތްގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރައްވައި މި ގުޅުމުގެ ސަބަބުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒަށް ވަރަށް އުޖާލާ އުންމީދީ ކުރިމަގެއް ލިބިގެންދިއުމަށް ތަޞައްވަރު ކުރެއްވޭ ކަމުގައި ވިދާޅުވިއެވެ.

މިއަދު އޮންލައިން