އައިއެސްގެ ލޯގޯއެއް ޖަހައިގެން ސަލްމާން މިސްކިތުގެ މިންބަރަށް އަރާ މީހަކު އަޑުގަދަކުރި މައްސަލައެއް ބަލަންފަށާފައިވާއިރު ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ މިއީ މިއަދު ކިޔަން އޮތް ޚުޠުބާ މިނިސްޓްރިގެ ވެބްސައިޓުން އެނގޭތީ އެކަމުގެ ަމާލުކަން ކުޑަކޮށްލަން ހިންގި ދެބޯގެރިދުއްވުމުގެ ޢަމަލެއް ނޫންބާވައެވެ؟ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
ފުލުހުން ބުނެފައިވަނީ މިކަމާއި ގުޅިގެން 43 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ބަލަމުންގެންދާ ކަމަށެވެ.
މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވަނީ އެއްޖިންސުން ގުޅުން ހިންގުމާއި ފާހިޝް ޢަމަލުތައް ކުރުމުގެ ހުރި ނުބައިކަން ބޮޑުކަމުގެ މައްޗަށެވެ.
އަނެއްބައަކު ކުރާ ސުވާލަކީ ރާއްޖޭގައި މިހާރު ޢަންމު ޢާންމުވެގެން މިއުޅޭ މުންކަރާތްތަކަށްވުރެ ހަރުކަށިފިކުރުގެ ނުރައްކާ މާބޮޑުވެއްޖެކަން ދައްކުވަން ބައަކު ކުރިކަމެއް ނޫންބާވައެވެ؟
ޔަޤީންކުރަން އޮތް ކަމަކީ މީސްތަކުން ރާވާ ރޭވުންތައް ﷲ ތަޢާލާ ދެނެވޮޑިގެންވާކަމާއި ﷲ ތަޢާލާގެ ރޭއްވެވުން މާމަތިވެރިވާނެކަން ޤުރްއާނުން އެނގެން އެބައޮތްކަމެވެ.
މިއީ ހިނގަމުންދާ ކަންކަމަށް ރައްޔިތުން ހޭލުންތެރިވެ ﷲ ތަޢާލާގެ ދީން މަތިވެރިކުރުމަށް އެމީހަކަށް ކުރެވެން އޮތްކަމެއް ކުރަންޖެހިފައިވާ ވަގުތެކެވެ. ހިންގާ އެއްވެސް މުންކަރާތެއް ހުއްޓުވަން ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން ނުދާކަން އެއީ ފެންނަން އޮތް ޙަޤީޤަތެކެވެ.
ކޮންމެ ނިޔަތެއްގައި ނަމަވެސް މިސްކިތެއްގެ މިންބަރަށް އަރައި މިސްކިތުގެ ޙުރުމަތްކެނޑޭފަދަ ޢަމަލުތައްކޮށްފިނަމަ އެމީހަކަށް ފިޔަވަޅު އަޅަންޖެހޭނެއެވެ. އެއީ ކުރަން ދޫކޮށްލެވިގެންވާނެ ކަމެއް ނޫނެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ލެހެއްޓެވުން އެދި މާތް ﷲ ގެ ދުޢާ ދެންނެވުން ގިނަކުރައްވާށެވެ! އެހެންދީންތަކާއި އެހެންދީންތަކުގެ ޘަޤާފަތްތައް ރާއްޖޭގައި ފަތުރުވަން މަސައްކަތްކުރާ، އެކަންކަމަށް ފުރުޞަތުދޭ ފަރާތްތައް ނިކަމެތިކުރެއްވެވުން އެދިގެންވެސް ދުޢާކުރާށެވެ! ﷲ ނަޞްރު ދެއްވަވާނެތެވެ! އިން ޝާ ﷲ