މިދުވަސްވަރަކީ ޗުއްޓީ ދުވަސްތަކަކަށްވުމުން ގިނަ ބައަކު ޗުއްޓީ ހޭދަކުރުމަށާއި އެނޫންވެސް ޔަފާތު ބޭނުންތަކަށް ބޭރު ޤައުމުތަކަށް ދަތުރުކުރެއެވެ. އަދި އަމިއްލަ ޤައުމުގެ ތަންތަނަށްވެސް ދެއެވެ.
ބޭރު ޤައުމުތަކަށްދާ މުސްލިމުން އަބަދުވެސް އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ އެއް ކަމަކީ އެހެން ދީން ތަކުގެ މީހުން ކުރާ ދީނީ ކަންކަމުގައި ބައިވެރިނުވުމެވެ. އެހެން ދީންތަކުގެ މީހުންނާ ބައްދަލުވެ އުޅޭއިރުވެސް ތިމާއަކީ މުސްލިމެއްގެ ގޮތުގައި ބައްދަލުކޮށް އުޅުމެވެ.
އަންހެނުން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއްކަމަކީ އަޢުރަ ނިވާކޮށްގެން އުޅުމެވެ. ބޭރު ޤއުމަކަށް ދެވުމަކީ އަޢުރަ ކަޝްފުކުރުން ހުއްދަވާ ކަމެއް ނޫނެވެ. ޚާއްޞަކޮށް މައިން އިތުރަށް ސަމާލުކަން ދޭށެވެ! އެހެނީ ދަރިން ކަންކަން ދަސްކުރާނީ މައިންގެގާތުންނެވެ. ވީމާ މައިންނަކީ ކޮންމެ ކަމެއްގައިވެސް ނަމޫނާ ދައްކަން ޖެހޭނެ ބައެކެވެ.
ނަމާދުކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. ދަތުރުގައި އުޅޭއިރު ނަމާދުކުރުމަށް އިސްލާމް ދީނުގައި ދެއްވަވާފައިވާ ލުއިފަސޭހަކަމުގެ ބޭނުން ހިފާށެވެ! ދަރިން ލައްވައިވެސް ނަމާދުކުރުވާށެވެ! ދަރިން ބޮޑުވެ އެކަނި ދަތުރުކުރަން ފެށުމުން ވެސް އެކަމަށް އާދަވާނީ އެގޮތުގައި ތަރުބިއްޔަތުކުރުމުންނެވެ.
ކައިބޮއި ހެދުމުގައިވެސް ބޭނުން ކުރެވެނީ ޙަލާލުތަކެތިކަން ކަށަވަރުކުރާށެވެ. ޝައްކުވާ އެއްވެސް އެއްޗެއް ބޭނުން ނުކުރާށެވެ!
އެހެން ދީންތަކުގެ މީހުންނާ ބައްދަލުވުމުން ރިވެތިގޮތުގައި މުޢާމަލާތުކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެމީހުންގެ ހިތްތައް މުސްލިމުންގެ ފަރތަށް ލެނބުން ވަނީ އެގޮތުގައެވެ. އެހެން ދީންތަކުގެ މީހުންނާއި އެއްވެސް ވަރަކަށް ޖަދަލު ނުކުރާށެވެ! އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތްއިރު ލިބޭނީ ގެއްލުމެވެ. މުސްލިމުންގެ އެންމެ ޚާއްޞަ ސިފައަކީ ރިވެތި އަޚްލާޤްކަން އަބަދުވެސް ހަނދާން ބަހައްޓަންވާނެއެވެ.
މުސްލިމުން ޢަމަލުކުރަންވީ ޢަރަބިން ނުވަތަ ވަކި ބައަކު ދަތުރު ގޮސް އުޅޭ ގޮތަކަށް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ސަލާމަތްކަން އޮތީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން