"އަޅުގަނޑު ޢީދުނަމާދުން ފައިބައިގެން އައީ އަނބިދަރިންނާއި ކާފަދަރިންނާއިވެސް އެކުގައެވެ. ކުއްލިއަކަށް ކުރިމައްޗަށް އެރި މީހަކު ގޮވަންފެށީ އަވަގުރާނައެވެ. ވަރަށް ދެރަވިއެވެ. ލަދުވެސް ގަތެވެ. ރުޅިވެސް އައެވެ. ނަޞޭޙަތުގެ ގޮތުން ނަމަވެސް ބަހެއް ބުނެވޭކަށްވެސް ނެތެވެ. ދަރިން އަޅުގަނޑު ހިފަހައްޓައިފިއެވެ. އޭނާއަކީ ޚާއްޞަ އެހީތެރިކަމަށް ބޭނުންވެފައިވާ ސިކުނޑީގައި ނުކުޅެދުންތެރިކަން ހުރި މީހެކެވެ."
"އަޅުގަނޑުގެ ސުވާލަކީ މިގޮތަށް މިފަދަ މީހުންތައް ދޫކޮށްލާފައި މިތިބެނީ ރައީސް ޞާލިޙް އާއި ނައިބް ރައީސް ފައިޞަލް އާއި ޖެންޑަރ މިނިސްޓަރާއި ހޯމް މިނިސްޓަރު އެބޭފުޅުންގެ އަނބިދަރިންނާއިއެކު މަގުތަކުގައި ނުހިންގަވާތީ ކުރިމައްޗަށް އަރާ މިފަދަ ކަންކަން ނުކުރެވޭތީތޯއެވެ؟ އެބޭފުޅުންނަށާއި އެބޭފުޅުންގެ ޢާއިލާތަކަށް ރައްކައުތެރިކަން ލިބުމުން ރައްޔިތުންނަށް ކޮންމެ ފަދަ ޙާލެއްގައި އުޅެން ޖެހުނަސް މައްސަލައަކަށް ހަމަ ނުވަނީތޯއެވެ؟"
މަގުތަކުގައި މިފަދަ މީހުންތައް ގިނަވެއްޖެއެވެ. މަގުމަތީގައި ބަރަހަނާ ޙާލުގައި އުޅޭ ނުކުޅެދުންތެރިކަން ހުރި މީހުންގެ މައްސަލަތައްވެސް ދަނީ ފެންމަތިވަމުންނެވެ. އެމީހުންނާއި އެހީތެރިވެދީ ބަލަހައްޓައިދޭނެ ބައަކު ނެތްނަމަ ދައުލަތުގެ ބެލުމުގެ ދަށަށް ނުގެންގޮސް މަގުތަކަށް ދޫކޮށްލާފައި އެތިބެނީ އެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނެއް ނުއުފައްދަވާތީ ކަމަށްވާނަމަ އެފަދަ ކޮމިޝަނެއް އުފެއްދެވުން އަވަސްކުރައްވާކަށްނުވޭތޯއެވެ؟
އުފައްދާފައިވާ އެއްވެސް ކަމެއް ޙައްލުނުކުރެވޭ އެހެން ކޮމިޝަންތައް ފަދައިން މިކަމަށްވެސް ކޮމިޝަނެއް އުފައްދައި ގާތް ކުދިބައަކަށް ސިޔާސީ މަޤާމުތަކެއް ދީގެން ނަމަވެސް މަގުމަތީގައި ޢާއިލާތަކާއިއެކު ހިނގާލައި އުލެލެވޭވަރުކޮށްލަންވެސް ބޭނުން ނުވަނީތޯއެވެ؟
މުޙައްމަދު އަމީން އަވަހާރަކޮށްލި ގޮތާ އެކަންކުރި މީހުން މަރުވެދިއުމުން އެމީހުންގެ މައްސަލަތައް ބެލުމުގެކުރިން މިހާރު ހުރި މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރިއްޔާ ކުރާނެ ފައިދާ ބޮޑުނުވާނީތޯއެވެ؟
މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ފޮނުއްވާފައިވާ ސުވާލުތަކެކެވެ.