ރާއްޖޭގަ ރިބާފަދަ ޙަރާމް ކަމެއް ޢާންމުވެފައިވުމަކީ އިތުރު ޙަރާމްކަންކަންކުރަން ހުއްދަވާ ސަބެއް ނޫނެވެ! ބިރުވެތިވާންޖެހޭނެ ކަމެކެވެ!
މިކަމާއި ގުޅިގެން ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެފައިވާ މިބަސްފުޅު ވިދާޅުވުމުން ވަރަށް ގިނަ މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ބައެއް މީހުންނަށް ފެންނަނީ އެބައިމީހުން ހަމައެކަނި ބަލަން ބޭނުންވާ މަންޒަރެވެ. އަޑު އިވެނީ ހަމައެކަނި އަޑުއަހަން ބޭނުންވާ އަޑުތަކެވެ. ކިޔަނީ ކިޔަން ބޭނުންވާ ޢިބާރާތެކެވެ.
ރާއްޖޭގައި ކެސީނޯއެއް ނެތެވެ. ކެސީނޯ ރާއްޖެއަށް ތަޢާރަފުކުރާން ގަދަފައި ވިއްދާފައި މެމްބަރަކު މަޖިލީހުގައި ވާހަކަ ދެއްކުމުން، ތިޔައީ އެއްވެސް ގޮތަކަށް ކޮށްގެން ވާނޭ ކަމެއް ނޫނޭ ޝެއިޚަކު ބުނެފިއްޔާ، ބައެއް މީހުންނަށް އެ ޝެއިޚަކު ވަރަށް ބޮޑަށް ކުށްވެރިވެއެވެ.
އެ ޝެއިޚަކާ ބައެއް މީހުން ކުރިމަތި ކުރާ ސުވާލަކީ، އެހެން ވިއްޔާ، ރިބާ ޙަލާލީތޯއެވެ؟ ރާ ވިއްކުން ޙަލާލީތޯއެވެ؟ ކެސީނޯއޭ ތިޔަ ކިޔަނީ މި ޤައުމުގައި އެހެން މުންކަރާތެއް ނެތީތޯއެވެ؟
މިއީ ހުރިހައި ކަމެއްގައި ވެސް ބައެއް މީހުންގެ ޙާލަތެވެ.
ދަންނަވަންތޯ، އެ ޝެއިޚަކު އެހެން ބުނެފިތޯއެވެ؟ ދެން ޝެއިޚުން ރިބާއާއި ރަލާއި އޫރު މަހާއި ޒިނޭއާއި ފާޙިޝްކަންކަމާއި (ކުދިވިޔަސް، ބޮޑުވިޔަސް) އެހެނިހެން ވެސް މުންކަރާތްތަކާ މެދު ރެއާއި ދުވާލު ދައްކާ ވާހަކަ ހަމަ ނުފެންނަނީތޯއެވެ؟ އަޑު ނީވެނީތޯއެވެ؟ ނުކިޔަނީތޯއެވެ؟ ނުބަލަނީތޯއެވެ؟
މިހާރު ދިމާވެގެން މިއުޅޭ މައްސަލައަކީ، ކ. މާފުށީގައި، އޭޝިޔަން ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިފްގެ ނަމުގައި އިވެންޓެއް މި މަހު ބާއްވަން އުޅުމެވެ. ރާއްޖޭގެ ސަރުކާރުގެ ލޯގޯއާއި ޔޫތު މިނިސްޓްރީގެ ލޯގޯ ޖަހާފައި ހަދާފައިވާ ޕޯސްޓަރުގައި ފެންނަ ގޮތުން މި އިވެންޓަކީ ދެ ޖިންސުގެ މީހުން ވެސް ބައިވެރިވާ އިވެންޓެކެވެ. އަންހެނުންގެ ވަނާތައް ދައްކަނީ ބިކިނީގައެވެ. މިއީ އަލަށް މި ރާއްޖޭގައި އަންހެނުންނަށް ބައިވެރިވެވޭ ގޮތަށް މި ކަން ކުރާ ފުރަތަމަ ފަހަރެވެ. ފިރިހެނުންގެ ބޮޑީ ބިލްޑިންގ އިވެންޓުތައް ހިންގާތާ އެތަކެއް އަހަރުވެއްޖެއެވެ. ފުރަމާލޭގައި ވެސް އެކަން ކުރެއެވެ.
ނަމަވެސް، ބިކިނީގައި އަންހުނުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ސަރުކާރުގެ މިނިސްޓްރީއަކުން ސްޕޮންސާކޮށްގެން އާންމުން ދިރިއުޅޭ ރަށެއްގައި މިކަމެއް ބާއްވަން އުޅުމަކީ ރާއްޖޭގެ ޤާނޫނާއި އިސްލާމްދީނާ ޚިލާފު ކަމެކޭ ބުނި ޝެއިޚު ބައެއް މީހުންނަށް ގޯސްވެއްޖެއެވެ. ޝެއިޚު މި ޖެހުނީ ޖަވާބުދާރީވާށެވެ. ފިރިހެނުންގެ އައުރައެއް ނެތީހެއްޔެވެ؟ އައުރަ އިޒް އައުރައެވެ؟
ރަނގަޅެވެ! އަންހެނުންގެ އައުރައާއި ފިރިހެނުންގެ އައުރައިގެ ކުޑަބޮޑުމިނާއި ފޮރުވާން ޖެހޭ މިންވަރު އިސްލާމްދީނުގައި ތަފާތު ވިޔަސް، "އައުރަ އިޒް އައުރަ"އެވެ. އެ ކަންކަމާ ބެހޭ ގޮތުން ޝެއިޚުން ދައްކާ ވާހަކަތައް މަދެއް ނޫނެވެ. މިސްޓަރ މޯލްޑިވްސްގެ ނަމުގައި ބާއްވާ އިވެންޓާ މެދު ވެސް ޝެއިޚުން ދައްކާ ވާހަކަ ބަލައި ކިޔައި އަޑުއަހާ މީހަކަށް އެ ކަން އޮޅިފައެއް ނޯންނާނެއެވެ.
ކަންކަން ވަމުންދާ ގޮތާއި، އެއް މުންކަރާތް އަނެއް މުންކަރާތަށް މަގު ފަހިވަމުންދާ ގޮތް ޝެއިޚުންނަށް ރަނގަޅަށް އެނގެއެވެ. އަލަށް ތަޢާރަފުކުރާ މުންކަރާތެއްގެ ވާހަކަ ބަޔާންކޮށް، ތިހެން ނަހަދާށޭ ބުނުމަކީ ކުރިން ކުރަމުން އައި މުންކަރާތް ޙަލާލުކުރުމެއް ނޫނެވެ. އެއީ، އިތުރު ބަލާމުޞީބާތެއް މި ޤައުމަށް ނުޖައްސާށޭ ބުނެ ކުރާ އާދޭހެކެވެ.
މި ގޮތަށް ޝެއިޚުންނަށް ސުވާލު ކުރިމަތިކުރާ މީހުން، ސަރުކާރާއި، ވަޒީރުންނާއި، ކަމާ ބެހޭ ފަރާތްތަކާ ސުވާލުކުރުން މާ އައުލާއެއް ނޫންތޯއެވެ؟ މި ދީނަކީ އެންމެންގެ ދީނެވެ. މި ޤައުމަކީ އެންމެންގެ ޤައުމެވެ. ބަލާމުޞީބާތް ތަޙައްމަލުކުރާން ޖެހޭނީ އެންމެނެވެ. އިލާހީ ކޯފާއެއް އަތުވެއްޖެއްޔާ އެކަން ވެސް ތަޙައްމަލުކުރާނީ އެންމެނެވެ.
- ޝައިޚް ޝަފީޢު ޢަބްދުﷲ