ވައިގެމަގުން އިތިއޯޕިއާއިން ރާއްޖެއައި ދެމީހެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މި 02 މީހުންވެސް މަސްތުވާތަކެތި އެތެެރެކުރަން އުޅެފައިވަނީ ދިރުވާލައިގެން ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެންނެވެ. މި ދެ ފަސިންޖަރުންނަކީ އުމުރުން 41 އަހަރުގެ އިނގިރޭސިވިލާތުގެ 2 ފިރިހެނުންނެވެ.
ކަސްޓަމްސްއި ބުނެފައިވަނީ 2022 ޖޫން 28 ވަނަ ދުވަހު ރާއްޖެއައި މި ދެ ފަސިންޖަރުންގެ ޢަމަލުތައް ހުރިގޮތުން، އެމީހުންގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން، ވަނީ މި ދެ ފަސިންޖަރުންގެ ހަށިގަނޑު ސްކޭންކޮށްފައެވެ. އަދި މި ފަސިންޖަރުންގެ އެތެރެހަށިން "ފޮރިން ބޮޑީސް" ފެނިފައިވާއިރު، މިފޮރިން ބޮޑީސްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ "ކޮކެއިން" (Cocaine) ރައްކާކޮށްފައިވާ ކަމަށް ވަނީ ޝައްކުކުރެވިފައެވެ. މި ދެ ފަސިންޖަރުންގެ އެތެރެހަށިން "ފޮރިން ބޮޑީސް" ގެ ގޮތުގައި ޖުމްލަ 220 ބުލެޓް ނަގާފައިވާއިރު، މިތަކެތީގެ ޖުމްލަ ބަރުދަނުގައި ޕެކިންގއާއެކު 2.328 ކިލޯގްރާމް ހުއްޓެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 8,100,000.00 (އަށް މިލިއަން އެއްލައްކަ) ރުފިޔާއަށް އަރައެވެ.
މިމައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައެވެ.