އެއްޖިންސުން ގުޅުން ހިންގުމުން ފެތުރޭ މަންކީޕޮކްސް ރާއްޖޭގައި ފެތުރުމުގެ ބިރު އެބައޮތް ކަމަށް މިއަދުނޫހުގައި ހާމަކުރުމުން މިބާވަތުގެ ލިޔުންތަކުގައި ނަންކިޔުމުން މަޖިލީހަށް ހުށަހަޅާ އިދާރާއަކުން ނެރުނު ބަޔާނުގައި އޮތީ ރާއްޖޭގައި ފެތުރުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށެވެ. މިއީ އެއްޖިންސުން ގުޅުން ހިންގުމުން ފޮނުއްވަވާ ކޯފާއެއް ކަމާއި ރާއްޖޭގައި ޖަނަވާރު ނޫޅުނަސް ﷲ ބަލި ފޮނުއްވަވައިފިނަމަ ފެތުރޭނެކަން ޤަބޫލެއް ނުކުރެއެވެ.
އެއިރު ދުނިޔެއިން އެބަލިފެނިގެން އުޅުނީ 14 ވަރަކަށް މީހުންގެ ގައިންނެވެ. މިއަދު މިވަނީ 14،000 އިން މައްޗަށް ގޮސްފައެވެ. މިފަދަ ނުރައްކައުތެރިބަލިތަކުން އެންމެހައި ދިވެހިންނާއި މުޅި ދުނިޔެވެސް ސަލާމަތްކުރައްވަވާށި!
ރާއްޖޭގައި އެއްޖިންސުން ގުޅުންހިންގަން ފުރުޞަތުދީ އެކަންކުރާމީހުންނާއިމެދު ފިޔަވަޅުނާޅަނީ އެބަޔާނަށް ބަލައިގެންކަމަށްވެދާނެއެވެ.
ޚަބަރު: ވީނިޔުސްއިން:
މަންކީޕޮކްސްއަކީ ގްލޯބަލް ހެލްތު އިމަޖެންސީއެއް ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅައިފި
މަންކީޕޮކްސްއަކީ އާންމު ސިއްހަތުގެ އިމަޖެންސީއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅައިފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން މިގޮތަށް ކަނޑައެޅީ، މަންކީޕޮކްސްއާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ ހެކިތަކާއި، ބަލީގެ ހާލަތާ ގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި، ޑަބްލިޔުއެޗްއޯ އެކްސްޕާޓުންގެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.
ޕްރެސް ކޮންފަރެންސްގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، އެކްސްޕާޓުން ނިންމުން ދެބައި ކަމަށާއި، އެހެން ނަމަވެސް މިއީ ދުނިޔޭގައި ކަންބޮޑުވުން އުފެދިފައިވާ މައްސަލައެއްކަމުން އާންމު ސިއްހަތުގެ އިމަޖެންސީއެއް ކަމަށް ކަނޑައެޅުއްވީ ކަމަށެވެ.
ގްލޯބަލް ހެލްތު އިމަޖެންސީއަކީ ޑަބްލިޔުއެޗްއޯގެ އެންމެމަތީ އެލަޓް ލެވެލްއެވެ.
މިއީ، އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ފެތުރެމުންދާ ބައްޔެއް ކަމަށާއި، ޚާއްސަކޮށް ގިނަމީހުންނާ ގުޅުންހިންގާ މީހުންނަށް ޖެހެމުންދާ ބައްޔެއްކަމުން، ހަރުދަނާ ސިޔާސަތުތަކާއެކު، އެފަދަ ގުޅުންތައް ހިންގާ މީހުންނަށް އަމާޒުކޮށް މަސައްކަތް ކޮށްފިނަމަ މިއީ، ހުއްޓުވިދާނެ ބައްޔެއް ކަމަށް ޑރ. ޓެޑްރޯސް ވިދާޅުވިއެވެ.
އަދި އެފަދަ ގުޅުންތައް ހިންގާ މީހުން އުޅޭ ގައުމުތަކުން ގުޅިގެން މަސައްކަތްކޮށް އެމީހުންނަށް ރަނގަޅު މައުލޫމާތު ދިނުމަށާއި، ބަލިން ރައްކާތެރިވުމަށާއި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ފިޔަވަޅުތައް އެޅުން މުހިންމުކަންވެސް ޑަބްލިޔުއެޗްއޯއިން ފާހަގަކޮށްފައި ވެއެވެ.
މިއަހަރުގެ މިހާތަނަށް މަންކީޕޮކްސް ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 14،000 އިން މައްޗަށް އަރައިފައެވެ.
ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ، މިދިޔަ ހަފްތާގައި އެކަނިވެސް އިތުރު 6 ގައުމަކުން މަންކީޕޮކްސް އަލަށް ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި އިންޑިއާ، ތައިލެންޑްވެސް ހިމެނެއެވެ.
މިބަލީގައި މިހާތަނަށް 5 މީހުން މަރުވެފައިވެއެވެ.
މަންކީޕޮކްސްބަލި ޖެހުނު މީހުންގެ އަދަދު ސާދަހާހުން މައްޗަށް ދިޔައިރު، މިބަލި މިހާރުވަނީ ޑަބްލިޔުއެޗްއޯގެ މެމްބަރު 75 ގައުމުން ފެނިފައެވެ. ދުނިޔޭގެ ހުރިހާ ރީޖަންތަކުން މިބަލި މިހާރުވަނީ ފެނިފައެވެ.