މިއަދަކީ އިނގިރޭސީންގެ ކަސްތޮޅުތަކުން ރާއްޖެ ސަލާމަތްކުރެވި ދިވެހި ދިދައިން ކަޅުފޮތިތައް ނައްތައިލެވުނު ދުވަހެވެ. މިއަދު ދިވެހިދިދައިގައި ކަލޫފޮތިތަކެއް ނެތެވެ. ނަމަވެސް މުޅި ޤައުމުގައި މިވަނީ ކަޅުއަނދިރިކަމެވެ.
ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮތް މިދިވެހިރާއްޖެއަށް އަލިކަން ގެނެސްދޭ ނޫރަކީ އިސްލާމް ދީނެވެ. ނުވަތަ އިސްލާމްދީނުގެ ނޫރެވެ. ކޮންމެ ގޮތަކަށް ލިޔުނަސް ދޭހަވާނީ ހަމަ އެއް މާނައެކެވެ.
ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރުމުގެ މިނިވަންކަމެއް ނެތެވެ. ސަރުކާރު ބައިވެރިވެގެން ފައުޅުގައި ޝިރުކުރުން ފަތުރައި ހިންދޫ، ބުދިސްޓު ކަލާނގެތަކާއި އެއްބައިވަންތަކަން ޤާއިމުކޮށް ގުޅުން އުފައްދަން ކުރި މަސައްކަތަކީ ކުރަން ހެޔޮނުވާވަރުކަމެއް ކަމަށް ބުނުމުން އެމީހާ މިހަދަނީ ޓެރަރިސްޓަކަށެވެ. މާދަމާ ފައްޅި އަޅަން އުޅުނީމާ އެކަން ހުއްޓުވަން ބައަކު ނުކުމެއްޖެ ނަމަ އެބައަކުވެސް ހަދާނީ ޓެރަރިސްޓުންނަށްކަން މިއޮތީ ވަރަށް ރަނގަޅަށް ހާމަވެފައެވެ.
ރާއްޖޭގައި ފައްޅި އަޅަން މަސައްކަތްކުރާނެކަން ޔަޤިންވެގެންދަނީ ބޮޑުއަކުރުން ބޯޑުގައި ލިޔެ ހިންދޫ ކަލާނގެތަކުގެ ނަންތައް ބެހެއްޓުމުންވެސް އެއީ ކުށެއްކަމަށް ސަރުކާރުން ކަނޑައެޅިކަން ޢމަލުން އެނގެން ނެތުމުންނެވެ. އެބޯޑު ފުލުހުން ނުނެގިކަމެވެ.
އިސްލާމް ދީނަށާއި ﷲ ތަޢާލާއަށް އަދި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް މުރުތައްދު ބަސްތައް ބުނުމުން އެމީހާވަނީ ނަފްސާނީ ބަލިޖެހިފައިވާ މީހަކަށެވެ. ރާއްޖެ ނޫނީ ނަފްސާނީ ބަލިޖެހޭ މީހުން ހަމައެކަނި އިސްލާމް ދީންދެކެ ރުޅިއަންނަ އެއްވެސް ޤައުމެއް ދުނިޔޭގައި އޮތްކަމެއް ނުއެނގެއެވެ. މިއީ ދުނިޔޭގެ ޑޮކްޓަރުންނާއި ސައިންސްވެރިންނަށް ދިރާސާކުރަންޖެހިފައިވާ ބޮޑު މައްސަލައެއް ނޫންތޯއެވެ؟
ބަންގިގޮވުމުން ޖަމާޢަތަށް ނަމާދަށް ދިއުންވެސް މިއަދުގެ ސަރުކާރުން ބަލަނީ ހަރުކަށިފިކުރުކަމަށްވުމުން އިސްލާމް ދީނަށް ރާއްޖޭގައި މިނިވަންކަން އޮތް މިންވަރު ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
ދިވެހިރާއްޖެއަކީ އިސްލާމް ދީނަށް މިނިވަންކަން އޮތް ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އަބަދުގެ އަބަދަށް ލަހައްޓަވާށި!