ޔޯގާގެ މައްލައިގައި ސަތޭކައަށްވުރެ ގިނަ ދީނީ ޢިލްމުވެރިންނާއި އިސްލާމިކް މިނިސްޓްރީގެ ބެލެނިވެރި ޢަދާލަތުޕާޓީން އެކަމުގެ ޙުކުމް ބަޔާންކޮށް ބަޔާން ނެރުނީމާ ވެސް އެބަޔާނާ ދެކޮޅަށް ދީނުގެ ފަތުވާ ދިނުން ހުއްދަ ނޫން މީހުން ބަޔާންތައް ނެރެމުންގެންދާއިރު އިސްލާމިކް މިނިސްޓްރީ މަންމަންވެފަ އޮތީމައި މައްސަލަ ޙައްލުވޭތޯ؟" މިއީ މިއަދު ގިނަބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެވެ؟
ޢަދާލަތުޕާޓީއަށް އިސްލާމިކް މިނިސްޓްރީ ހިންގަން ހުރަސްއަޅާ ފަރާތެއްވާނަމަ އެކަން ހާމަކުރަން އަދިވެސް ނުވަނީތޯއެވެ؟ އެފަދަ ހުރަހެއް ނެތިވެސް އިސްލާމިކް މިނިސްޓްރީ ނުހިންގޭނަމަ އިސްލާމިކް މިނިސްޓްރީ ހިންގުމުން އިސްތިއުފާދޭން ނުވަނީތޯއެވެ؟ މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސަން އަދިވެސް ނުވަނީތޯއެވެ؟
ޙައްޤު ބަސްބުނުމުން ޕާޓީގެ ބައަކަށް ވަޒީފާ ގެއްލިދާނެތީ ގަންނަބިރަށްވުރެ ރާއްޖޭގައި އިސްލާމް ދީނަށް ކުރިމަތިވެގެން މިއުޅޭ މައްސަލަތަކަށް ގަންނަންޖެހޭ ބިރު މާބޮޑުނޫންތޯއެވެ؟
އިސްލާމިކް މިނިސްޓްރީ ނިގޫފިތިފައި އޮތްކަމަށްބުނާ މީހުންވެސް މަދެއް ނޫނެވެ. މިއީ ރާއްޖޭގައި ހިންދޫންގެ ފައްޅިތައް އަޅަން މަގުފަހިކުރުވަން ރައްޔިތުން ވަކަރަށްޖަހާލަން ދުއްވާ ދެބޯގެރިއެއްކަމަށްބުނާ މީހުން ވެސް މަދެއް ނޫނެވެ.
ރައީސް ޞާލިޙްވެސް ދައްކަވަނީ ރާއްޖޭގައި އިސްލާމް ދިން ޙިމާޔަތްކޮށް މަތިވެރިކުރުމުގެ ވާހަކައެވެ. މިހައި ބޮޑު ފިތުނައެއް އުފައްދައި ޝިރުކު ފަތުރަން ފައުޅުގައި ކުރެވޭ މަސައްކަތްތަކާ ދެކޮޅަށް ބަސްފުޅެއް ވިދާޅުވާ އަޑެއް ނުއިވެއެވެ. އެކަންބަލާނެ އޮންބެޑް ޕާސަނެއްލައްވާތަނެއްވެސް ނުފެނެއެވެ.
އޮންބެޑް ޕާސަނެއްލައި ގައިމަތީގަ ރަން ޝާވަލެއް އަޅައިގެންނަމަވެސް މިފަދަ މައްސަލަތައް ޙައްލުކޮށް ޝިރުކާއި ދިމާއަށް ދިވެހިން ގެންދުވަން މިކުރެވޭ މަސައްކަތްތައް ހުއްޓުވުމަކީ ވަލިއްޔުލްއަމުރުގެ މަސްއޫލިއްޔަތަކަށް ނުވަނީތޯއެވެ؟ ވަލިއްޔުލްއަމުރުގެ މަޤާމާއި ދަރަޖައިގެ މައްސަލަ ނުކުންނަނީ މިފަދަ ކަންކަމަށް ނުރުހިގެން ރައްޔިތުން ވެރިކަމާއި ދެކޮޅަށް ނުކުތުމުން އެކަނިތޯއެވެ؟
މުސްލިމް ކޮންމެ ދިވެހި ރައްޔިތަކުވެސް ދިވެހިރައްޔިތުން ޝިރުކާއި ދިމާއަށް ގެންގޮސް ރާއްޖޭގައި ފައްޅިއަޅަން މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިން ދިވެހި އުންމަތް ސަލާމަތް ކުރެއްވެވުން އެދި ދުޢާކުރުން ގިނަކުރައްވާށެވެ! ﷲ އިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ