އެންމެ ނުބައި ފިތުނައަކީ ކޮބައިތޯ امام ابو بكر ابن ابي شىيبه އަރިއަހުގައި ސުވާލުކުރެވުމުން ވިދާޅުވެފައިވެއެވެ. "ފިތުނަ ޢާންމުވެ އެންމެ ނުބައިޙާލަތަށް ދިއުމަކީ ހެޔޮ ޢަލުތަކާއި ނުބައި އަމަލުތައް ވަކިކުރަން ނޭނގޭ ހާލަތަށް ދިއުމެވެ." امام ابو بكر ابن ابي شىيبه
މިއަދު މިވަނީ އިމާމް މީގެ އެތައް ސަތޭކަ އަހަރުކުރިން ބަޔާން ކުރެއްވެވި އެޙާލަތުގައެވެ. ވީމާ މީހަކު ކަމެއް ކުރަން ބުނި ނަމަވެސް އެއީ ރަނގަޅު، ހެޔޮ ޢަމަލެއްކަން ޔަޤީންކުރުމަށްފަހުގައި ނޫނީ ނުކުރާށެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޢިލްމުވެރިންގެ ބަސްފުޅު ހޯދާށެވެ! ކީރިތި ޤުރްއާނާއި ސުންނަތުން ޔަޤީންކުރާށެވެ! ހެޔޮ އަމަލެއް ކަމަށް ދެކެގެން ބިދުޢަވެރި ޢަމަލެއް ކުރެވިއްޖެ ނަމަ އެކަމުގެ ހިތާމަކުރަން ޖެހިދާނެއެވެ! އަދި އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތް އިރު ލިބެން އޮތީ ގެއްލުމާއި ހަލާކެވެ.
ވަރަށް ޢާންމު ކަމަކުން މިސާލު ދައްކާނަމަ ދެއްކޭނެ އެއް ކަމަކީ އަޢުރަ ނިވާކުރުމެވެ. އަންހެނުންނާއި ފިރިހެނުންގެ ޢައުރަ ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ކީރިތި ޤުރްއާނުންނެވެ. ނަމަވެސް އެތައް ބައަކަށް މިވަނީ އަޢުރައިގެ މިންތައް އޮޅިފައެވެ. އެކަމުގެ ސަބަބުން އަޢުރަ ހާމަކޮށްގެން އުޅޭ މީހުންނަށް އެކަން ކުރެވޭކަންވެސް ޤަބޫލެއް ނުކުރެވެއެވެ.
އެކަނބަލުންގެ އަޢުރައިގެ ވާހަކަ ވަރަށް ގިނައިން ދެކެވޭއިރު ކުޑަކުޑަ ސޯޓުކޮޅެއް ލައިގެން ފިރިހެނުން ހުސްގަޔާ އުޅުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. މުޖުތަމައުތަކުން ބަލައިގަންނަ ކަމަކަށްވެސް ހަދަފއިފައެވެ. އެފިރިހެނުންގެ އަޢުރަ ކަނޑައެޅީ އިސްލާމް ދީނުގެ ކޮން މިންގަނޑަކުން ހެއްޔެވެ؟
ދުންފަތުގެ އިސްތިޢުމާލް ކުރުމަކީވެސް ހަމަ އެފަދަ ކަމެކެވެ. ދުންފަތުގެ އިސްތިޢްމާލުކުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ނަމަވެސް އެކަން ކުރާ މީހުންނަށް އެކަމުގެ ޙުކުމް އޮންނަނީ ޤަބޫލުވެސް ނުކުރެވިފައެވެ.
އަޅުކަންކުރުމުގައިވެސް މިފަދަ ކަންކަން ދަނީ މެދުވެރިވަމުންނެވެ. އަޅުކަމުގެ ގޮތުގައި ކުރަންހުރި ކަންކަން ކީރިތި ޤުރްއާނާއި ސުންނަތުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އަޅުކަމަކީ އެއްވެސް މީހަކަށް އުފެއްދޭނެ ކަމެއް ނޫނެވެ. އިސްލާމް ދީން ވަނީ ފުރިހަމަކުރައްވައި ނިމިފައެވެ. އަޅުކަން ވަނީ އެހިސާބުން ބަޔާންވެ ނިމިފައެވެ.
މިދުވަސް އަންނާނެ ކަމުގެ އިންޒާރު ޢިލްމުވެރިން އަންނަނީ ވަރަށް ކުރިންސުރެ ދެއްވަވަމުންނެވެ.
Ibn Abi Shaybah, Al-Musannaf, Kitab Al-Fitan, article 38565.
ބައްލަވާށެވެ!