ޕޯސްޓުން ރާއްޖެ އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ޕޯސްޓުން ރާއްޖެ އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓްގެ ޒަރިއާއިން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގެންފައިވަނީ 2022 ޖޫން 29 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައެވެ. އެގޮތުން ބަލާފާސްކުރެވުނު ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު 526 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 1,000,000.00  (އެއް މިލިއަން) ރުފިޔާއަށް އަރައެވެ.

މިމައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެނަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ. މިއީ މިއަހަރު ތެރޭގައި މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު މިބާވަތުގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރްސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި، 2022 މާރިޗު 1 ވަނަ ދުވަހުއެވެ. މިގޮތުން އެފަހަރު 585 ގްރާމްގެ މެފެޑްރޯން އަތުލައިގަނެވިފައިވެއެވެ.

މިއަދު އޮންލައިން