ދުބާއީ އިން ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖުން ބާރަމިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މިކަމާގުޅިގެން ކަސްޓަމްސް އިން ބުނެފައިވަނީ މިތަކެތި އަތުލައިގަނެފައިވަނީ 2022 އޮކްޓޯބަރު 1 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނުގެ އުމުރުން 48 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށާއި މިގޮތުން ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin)އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 10.002 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 12,000,000.00 (ބާރަ މިލިއަން) ރުފިޔާއަށް ވުރެ މައްޗަށް އަރައެވެ. މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައެވެ.