މިދިޔަމަހު ރާއްޖެ އެތެރެކުރި މުދާ 27 އިންސައްތައަށް އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
މިދިޔަމަހު ރާއްޖެ އެތެރެކުރި މުދާ 27 އިންސައްތައަށް އިތުރުވެއްޖެ

ފާއިތުވި ސެޕްޓެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 27 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމުން ބުނެފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ދިވެހިރާއްޖެއަށް 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރ މަހު މި ޢަދަދުވަނީ 4.4 ބިލިއަން ރުފިޔާ އަށް އިތުރުވެފައި ކަމަށެވެ.

މީގެއިތުރުން، ފާއިތުވި ސެޕްޓެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 25 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 281 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރ މަހު މި ޢަދަދުވަނީ 351 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ވޭތުވެދިޔަ ސެޕްޓެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލާއި އެކްސްޕޯޓް ކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫ.އޭ.އީ އަދި ސިންގަޕޯ އެވެ. އޮމާން އިން 794 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 627 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާ އިން 525 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޔޫ.އޭ.އީ އިން 438 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯ އިން 392 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. 

 

 

މިއަދު އޮންލައިން