ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެންމެ ބޮޑު އުފާވެރިކަމެއް ލިބޭނީ ﷲ ތަޢާލާ އާއި ގާތުގައި ހުރެވިގެންނެވެ. އެކަލާނގެ ރުހިވޮޑިގަންނަވާ އަޅަކަށް ވެވިގެންނެވެ. އެހެންކަމުން ކޮންމެ މުސްލިމަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ ﷲ ތަޢާލާ އާއި އެންމެ ގާތުގައި ހުރުމަށެވެ.
އިމާމް ތިރުމިޛީ ބަޔާން ކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ވާހަކަދައްކާއިރު ﷲ ތަޢާލާގެ ނަންފުޅު ގެނެސް ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކުރުމަކީ އެމީހާގެ ހިތް ހަރުކަށިކުރައްވަވާ ކަމެކެވެ! އަދި ހަރުކަށި ހިތުގެވެރިން ވާނީ ﷲ ތަޢާލާ އާއި އެންމެ ދުރުގައެވެ." މީގެ އިތުރުން ގިނައިރު ވާހަކަ ދައްކާނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށް ވެސް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
އަދިވެސް ޙަދީޘްފުޅުގައިވެއެވެ. "އެގެއެއްގައި ﷲ ތަޢާލާ ހަނދުމަކުރާ ގެއަކާއި ހަނދުމަ ނުކުރާ ގެއެއްގެ ތަފާތަކީ މަރުވެފައިވާ ގެއަކާއި ދިރިހުރި ގެއެއްގެ ތަފާތެވެ."
މި ޙަދީޘްފުޅުތަކުން އެނގެން މިދަނީ ﷲ ތަޢާލާ ހަނދުމަކުރުން ގިނަ ކުރުމުގެ މުހިންމު ކަމެކެވެ. ﷲ ތަޢާލާ ހަނދުމަކޮށް ﷲ ތަޢާލާ މަތިވެރިކުރުމަކީ ޝައިޠޯނާ ފަހަތަށް ޖެހި ޝައިޠޯނާގެ ކިބައިންވެސް ސަލާމަތްކަން ލިބިގެންދާ ކަމެކެވެ. ވީމާ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާށެވެ! އެކަލާނގެ މަތިވެރިކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން