އެއްވެސް ޝައްކެއް ނެތެވެ. މިއަދަކީ ސްރީލަންކާގައި އެކަރައިގެ މަދަދާއި އެހީތެރިކަމާއިއެކު ޙަރަކާތްތެރިވަމުން އައި ގޮނޑިކޮއްކޮ، ޕްލޮޓްޖަމާޢަތުގެ ހަނގުރާމަވެރިން ބަލިކޮށް އެމީހުންގެ މައްޗަށް ދިވެހި ލޮބުވެތި ރައްޔިތުންނާއި ހިތްވަރުގަދަ ސިފައިން ނަޞްރުހޯދިއެވެ. ދިވެހިންނަށް މާތް ﷲ ނަޞްރު ދެއްވެވި ދުވަހެވެ. ނަމަވެސް އެއީ 1988 ވަނަ އަހަރުގައެވެ.
އެއިގެ 34 އަހަރުފަހުން 2022 ވަނަ އަހަރުގެ މިދުވަސް ދިވެހިންނާއި ބައްދަލުކުރީ ދިވެހިން އެންމެ ބޭނުންވާ ނަޞަރު ކަސްތޮޅު އަޅުވައި ގަންހިންގަމުންދާތީ ދިވެހި ލޮބުވެތި ފަސްގަނޑަށާއި ﷲ ތަޢާލާގެ ދީނަށް ލޯބިކުރާ ކޮންމެ މީހަކަށް ރޮއި ކަރުނައަޅަން ޖެހިފައިވާ ޙާލުގައެވެ. މީގެ 900 ވަރަކަށް އަހަރު ކުރިންސުރެ ރާއްޖެ އިސްލާމްވީފަހުން މިއަދާއި ހަމައަށް ވެސް ތެދުވެރި ކޮންމެ ދިވެހިދަރިއަކު ނަޞްރު ބޭނުންވަނީ އޭނާގެ އަމިއްލަ ނަފްސަކަށް ނޫނެވެ. އިސްލާމް ދީނަށެވެ.
މިއަދުގެ ޙާލަތު އޮތް ގޮތް:
Indiage bayaku sarukaaruge huhdha aa eku raajjeygai nasaaraa dheenuge foiythakeh bahamun dhaakan fuluhunge samaalu kamah aissfaiveytho. adhi mikamaa gulhigen fiyavalheh alhaafai veytho
mi suvaalu police mv ge Antenna aa hama ah nufoaranytho signal libey minvarah. @Po @Po 2
މި ސުވާލުތަކަކީ އިއްޔެ ޕޮލިސް މީޑިއާގައި ނޫސްވެރިއަކު ކޮށްފައިވާ ސުވާލުތަކެވެ. އަދި ވެސް ޖަވާބެއް ނުދެއެވެ. ވީމާ ދީނުގެ ކަންކަމުގައި ޤައުމު މިދާ މިސްރާބް މިއޮތީ ފެންނާށެވެ. ސުވާލުގައި އެވަނީ ސަރުކާރުގެ ހުއްދައާއެކު ރާއްޖޭގައި ނަބާރާ ދީން ފަތުރާ ވާހަކައެވެ. ޖަވާބެއް ދިނުމުގެ ކުލަދާނަކަން ނުލިބުމުން ޤައުމު މިއޮތް ޙާލަތަށް ވިސްނަވާށެވެ. އެންމެ ކުޑަމިނުން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަން ނުވަތަ ނޫންކަން ބުނެލުމުގެ ބާރުވެސް ފުލުހުންގެ މީޑިއާއަށް ނެތީއެވެ.
ދުވަސްކޮޅެއް ކުރިން ފެނުނީ އިންޑިއާގެ ވިޔަފާރި ކުންފުންޏަކުން ހުޅުމާލޭގައި ހިންދޫ ކަލާނގެއެއްގެ ބޮޑު ނަންބޯޑެއް ޖަހާފައި ހުއްޓައެވެ. ނައްތާލަންޖެހުނީ ރައްޔިތުންނަށެވެ. ދެން ފެނުނީ އިންޑިއާގެ ކުންފުންޏެއްގެ މުވައްޒިފުން ރާއްޖޭގެ މީހުން އުޅޭ ރަށެއްގެ މަގުތަކަށް ބުދުތަކެއް ހިފައިގެން ނުކުމެ ފައުޅުގައި އަޅުކަންކުރާތަނެވެ. 2 ދުވަސްކުރިން މިފެނުނީ އައްޑޫގައި މަގުހެދުމުގެ މަޝްރޫޢު ހިންދޫ ކަލާނގެއަށް އަޅުކަންކުރަމުން ފެށިތަނެވެ.
މިއީ އިންޑިއާގެ އެގްޒިމްބޭންކުން ދިވެހިރައްޔިތުން ދަރަނިވެރިކުރުވާފައި ނަގަމުންދާ ލޯނުތަކުން ހިންގާ މަޝްރޫޢުތަކާއި ގުޅުންހުރި 3 މައްސަލައެވެ.
އިންޑިއާ މީހަކު އިސްލާމީ މަރުކަޒުގެ ގޯތި ތެރެއަށް އެންމެންގެ ކުރިމަތީގައި ޤަޟާޙާތްކޮށް "ކަލޭމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން" ދައްކާލައިފިއެވެ. މައްސަލަ މައްސަލައަކަށް ނުވީ ފުލުހުން އުންސުރު ހަމަނުކުރުމުންނެވެ.
ފާހަގަމިކޮށްލީ އެންމެ ބޮޑެތި ބައެއް ކަންކަމެވެ. މިއިން ކޮންމެ ކަމަކުންވެސް އެނގެނީ ރާއްޖޭގައި ދިވެހިން އެންމެ ބޮޑަށް ބޭނުންވެގެން ތިބި ކަންތަކަށް މިސަރުކާރުން ނަޞްރުނުދޭކަމެވެ. ލޯނުތަކުގެ މަޅީގައި ޖެހި ތާށިވެ ރާއްޖޭގައި ހަދާފައިވާ ޤާނޫނުތައް ތަންފީޒުކުރަން ސަރުކާރު މިވަނީ ނުކުޅެދިފައެވެ. 2023 ގެ ކެންޕޭނަށް އިންޑިއާއިން ފައިސާ ބޭނުންވާތީކަމަށްވުމަކީވެސް ހަމަ އޮތް ކަމެއްކަމަށް ޤަބޫލުކުރަން އެބަޖެހެއެވެ.
ނަޞްރުގެ ދުވަހުގެ ގޮތުގައި މިއަދު ދުވަހެއް ފާހަގަކުރާއިރު ކޮންމެ ޖަލްސާއެއްގައިވެސް ދައްކާފަދައިން ދިވެހިންގެ އެއްބައިވަންތަކަމާއި ޤައުމުގެ ކަރާމާތް ގުޅިފައިވަނީ އިސްލާމް ދީނާއި ކަމަށްބުނެ ވަހުދަތުގެ ވާހަކަ ދައްކާނެއެވެ. ސުވާލަކީ ދިވެހިން އެންމެ ބޮޑަށް ނަޞްރު ބޭނުންވަނީ އިސްލާމް ދީނަށް ކަމަށްވާއިރު މިއަދަށްވުރެ ބޮޑަށް އިސްލާމް ދީން ނިކަމެތިކޮށްލާފައިވާ ދުވަހެއް ރާއްޖޭގެ ފަހުގެ ތާރީޚް ދެކެފިހެއްޔެވެ؟
އިސްލާމް ދީނަށް ރާއްޖޭގެ ސަރުކާރުން އެބަ ނަޞްރުދޭހެއްޔެވެ؟ ހިންދޫ ދީންތަކާ އެހެން ދީންތަކަށް މިނިވަންކަމާއިއެކު ޙަރަކާތްތެރިވާން މިސަރުކާރުން ރާއްޖެ ހުޅުވާލާފައި އޮތްއޮތުމުން ނަޞްރު ލިބެނީ އިސްލާމް ދީނަށް ހެއްޔެވެ؟
އިސްލާމް ދީނަށް ލޯބިކުރައްވާ ލޮބުވެތި ރައްޔިތުންނޭވެ! މިޙާލަތުން ޤައުމު ސަލާމަތްކުރެއްވެވުން އެދި ދުޢާކުރައްވާށެވެ! ރާއްޖެއިން އިސްލާމް ދީން ފުހެލަން ފައުޅުގައި މަސައްކަތްކުރަމުން ގެންދާ ފަރާތްތައް ބަލިކުރައްވަވައި އިސްލާމް ދީނަށް ނަޞްރު ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރައްވާށެވެ! ޤައުމުގެ ރައްޔިތުން އެކަމަށް އެދުމުން ﷲ ތަޢާލާ ޙާލަތު ބަދަލުކޮށްދެއްވަވާނެކަމުގެ ޔަޤީންކަމާއިއެކު ދުޢާކުރައްވަމުން ގެންދަވާށެވެ!
މިލޮބުވެތި ވަޠަނުގައި އިސްލާމް ދީން ނޫން އެހެން ދީނެއް ނެތި އިސްލާމްކަންމަތީއަބަދަށް!