ފަނަރަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ފަނަރަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި އެޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ 2022 ނޮވެންބަރު 9 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 29 އަހަރުގެ ބްރެޒިލް އަންހެނަކާއި މެދު ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.

މިގޮތުން، އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން  (Cocaine)އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.460 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 15,000,000.00 (ފަނަރަ މިލިއަން) ރުފިޔާއަށް އަރައެވެ.

މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ 10 ވަނަ ފަހަރެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 17 ކިލޯގެ ކޮކެއިން ވަނީ އަތުލައިގަނެވިފައެވެ.

މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައެވެ.

މިއަދު އޮންލައިން