ކޮންމެ ދަރިވަރަކަށް ޓެބްލެޓެއް ދީގެން ހުރިހާ ދަރިވަރުންނަށް ގޫގްލްސްގެ ތެރެއިން ކިޔަވައިދޭން ރައީސް ޔާމީނު ފެށްޓެވި މަޝްރޫއުގެ ދަށުން 71،000 ޓެބްލެޓް ގަންނަން އަމިއްލަ ކުންފުންޏަކަށް ފައިސާ ހަވާލުކޮށްފައިވީ ނަމަވެސް މުއްދަތު ހަމަވެ ދިއަނަމަވެސް ލިބިފައިވަނީ އެންމެ 21،000 ޓެބްލެޓް ކަމަށް އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
ޓްރާންސިޝަނަލް ކޮމިޓީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބްރާ މިއަދު ވިދާޅުވީ މި މަޝްރޫޢުގެ ކަންކަން ހަމަޖެހިފައި އޮތް ގޮތަށް ކުރިއަށް ގެންދިއަނަމަ ޖޫން މަހުގެ ނިޔަލަށް ޓެބްލެޓްތައް ދަރިވަރުންނާއި ހަވާލުކުރެވި ނިމެން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ޓީޗަރުން ތަމްރީނު ކުރުމަށް އޮންލައިން ޕްރޮގަރާމެއް ހިންގަން ބޭރުގެ ފަރާތަކަށް 750،000 ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށްވެސް އިބްރާ ވިދާޅުވިއެވެ. "މިމަޝްރޫޢު ހިންގާފައިވަނީ ޓީޗަރުން އަތުން ޚަރަދުގެ ބައެއް ނަގާ ގޮތަށް. ނަމަވެސް އެކަން ކުރާނެ ނިޒާމެއް ރާވާފައެއް ނެތް."
އިބްރާ ވިދާޅުވީ ކޮންމެ އަހަރަކުވެސް ސްކޫލް ބަންދު ދުވަސްވަރަކީ ސްކޫލުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ކުރާ ދުވަސްވަރު ކަމަށާއި އެކަމަށް ބަޖެޓުގައި އެއްވެސް ފައިސާއެއް ހިމަނާފައި ނެތުމަކީވެސް މައްސަލައެއް ކަމަށެވެ.
ފެންވަރު ރަނގަޅު ތައުލީމެއް ދޭން މަސައްކަތްކުރާއިރު މިހާރުވެސް 32 ސްކޫލުގައި ޕްރިންސިޕަލުން ނެތް ކަމާއި އެއީ ވެސް ރަނގަޅު ގޮތުގައި ސްކޫލްތައް ހިންގުމަށް އޮތަ ހުރަހެއް ކަމުގައި ކޮމިޓން ވަނީ ފާހަގަކޮށްފައެވެ.