"އަވަރ އޮފް ކޯޑް އެޓް ވިމެން އިން ޓެކް" އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 32ސ
"އަވަރ އޮފް ކޯޑް އެޓް ވިމެން އިން ޓެކް" އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ "އަވަރ އޮފް ކޯޑް އެޓް ވިމެން އިން ޓެކް" އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

"އަވަރ އޮފް ކޯޑް" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު ޑިސެންބަރު މަހު ފާހަގަކުރާ އިންޓަނޭޝަނަލް ކޮމްޕިއުޓަރ ސައިންސް ހަފްތާގެ ދަށުން ކޯޑު.އޯރގުއިން (Code.org)  ބާއްވަމުން އަންނަ ހަރަކާތެކެވެ. 

މި ޕްރޮގްރާމްގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 2000 ދަރިވަރުންނާ ހަމައަށް މި ހަރަކާތް ގެނައުމެވެ. މިގޮތުން އެކި އުމުރުފުރާތަކަށް ބަހާލައިގެން ބައިވެރިން ގުރޫޕްކޮށް، ސައިންސާއި ކޯޑިންގ ގެ ދާއިރާއަށް އަހުލުވެރިކޮށް ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވައި، ކޮމްޕިއުޓަރ ސައިންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާނެއެވެ. 

މި އަހަރުގެ "އަވަރ އޮފް ކޯޑް" ގެ މައިގަނޑު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 24 ޑިސެންބަރު 2022 ގައި، އޮންލައިންކޮށެވެ. މި ޕްރޮގްރާމަށް ޝައުގުވެރިވާ ކުދިންނަށް މި ލިންކް https://www.womenintechmv.org/hourofcode  މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަމިއްލަ ގޮތުން، ސްކޫލްތައް ނުވަތަ އިންސްޓިޓިއުޓްތައް މެދުވެރިކޮށްވެސް  މި ޕްރޮގްރާމްގައި  ދަރިވަރުންނަށް ބައިވެރިވެވޭނެއެވެ. ޕްރޮގްރާމްގައި މެންޓަރސްގެ ގޮތުގައި ވިމެން އިން ޓެކް މޯލްޑިވްސް، ދިރާގު އަދި ސްކޫލްތަކުގެ ޓީޗަރުން ހަރަކާތްތެރިވާނެއެވެ.

"އަވަރ އޮފް ކޯޑް" އަކީ އެއްގަޑިއިރު ތެރޭގައި ކޮމްޕިއުޓަރ ޕްރޮގްރާމިންއާ ބެހޭ އެކި މަޢުލޫމާތާއި ހަރަކާތްތައް ކުދިންނަށް ތަޢާރަފްކޮށްދޭ ޕްރޮގްރާމެކެވެ. ކޯޑް.އޯރގްއިން ތައާރަފްކޮށްފައިވާ މި ޕްރޮގްރާމަކީ 180 އަށް ވުރެ ގިނަ ޤައުމުތަކުގެ އެތައް މިލިއަން ދަރިވަރުންނާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކޯޑް.އޯރގްގެ ހަރަކާތްތައް ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ ޕާރޓްނަރަކީ ވިމެން އިން ޓެކް މޯލްޑިވްސްއެވެ.

24 ޑިސެންބަރު 2022 ވަނަ ދުވަހު ބާއްވާ "އަވަރ އޮފް ކޯޑް އެޓް ވިމެން އިން ޓެކް" ހަރަކާތުގެ ކުރިން ކަލާފާނު ސްކޫލާއި، އިމާދުއްދީން ސްކޫލާއި، ހިރިޔާ ސްކޫލާއި، ބ.ގޮއިދޫ ސްކޫލާއި، ރ.ހުޅުދުއްފާރު ސްކޫލާއި، ޏ.ފުވައްމުލަކު ސްކޫލްގައިވެސް ވަނީ ފިޒިކަލް ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

"އަވަރ އޮފް ކޯޑް" އަކީ ހުރިހާ އުމުރުފުރައެއްގެ ދަރިވަރުން ކޯޑިންގ އަށް ތަޢާރަފްކޮށް ކޮމްޕިއުޓަރ ސައިންސަށް ޝައުޤުވެރިކަން އުފެއްދުމަށް ވަރަށް ރަނގަޅު ފުރުސަތެކެވެ. ޅަ އުމުރުގައި ކޮމްޕިއުޓަރ ސައިންސް ދަސްކުރަން ފެށުމަކީ 21 ވަނަ ގަރުނުގައި ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދިޔުމަށް ބިންގާ އެޅިގެންގޮސް، އެކުދިންގެ އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ގާބިލުކަމާއި ހުނަރު ވެސް އިތުރުވެގެންދާނެ ކަމެކެވެ.

މިއަދު އޮންލައިން