ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކް' އެވޯޑް އޫކްލާއިން ދިރާގާ ހަވާލުކޮށްފި!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 35ސ
ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކް' އެވޯޑް އޫކްލާއިން ދިރާގާ ހަވާލުކޮށްފި!

ދިރާގަށް 'ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވާރކް' އެވޯޑް އޫކްލާއިން ހަވާލުކޮށްފިއެވެ. އޫކްލާއިން މި އެވޯޑް ދިރާގާއި ހަވާލުކޮށްފައިވަނީ މިހާރު ސްޕެއިންގެ ބާސެލޯނާގައި ކުރިއަށް ހިނގަމުންދާ މޯބައިލް ވާރލްޑް ކޮންގްރެސް 2023 ގައެވެ. އެ ކުންފުނީގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ. 

މިއަހަރުގެ ކުރީކޮޅުގައި އޫކްލާއިން ވަނީ 2022 ވަނަ އަހަރުގެ ސްޕީޑްޓެސްޓް އެވޯޑްސްއިން ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯރކްގެ އެވޯޑް ދިރާގަށް ލިބިފައިވާކަން އިއުލާންކޮށްފައެވެ. މިއީ އެކުންފުންޏަށް މި އެވޯޑް ޖެހިޖެހިގެން ލިބުނު ދެވަނަ ފަހަރެވެ.  

"ދިރާގަށް ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯރކް އޮޕަރޭޓަރުގެ މަގާމު އޫކްލާއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންނަށް މިކާމިޔާބީ ހާސިލްކުރެވުނީ ދިރާގު މުވައްޒަފުންގެ ހިތްވަރާއި ކަސްޓަމަރުންނަށް ރަނގަޅު ފެންވަރުގެ ޚިދުމަތް ހޯދައިދިނުމަށް އެފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުން. އަދި މިދަނޑިވަޅުގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކެނޑިނޭޅި ދެއްވަމުން ގެންދަވާ ތަރުހީބާއި އިތުބާރަށް ޝުކުރު ދަންނަވަން. އަދި ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށްކަން ޔަގީންކޮށްއަރުވަން." ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.  

"އޫކްލާގެ ސްޕީޑްޓެސްޓް އެވޯޑަސްއަކީ ދުނިޔޭގެ އެންމެ ހަލުވި އަދި އެންމެ މަތީ ފެންވަރުގެ ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް އޮޕަރޭޓަރުންނަށް ދޭ ޚާއްސަ އެވޯޑަކާއި ލަގަބެއް. މިގޮތުން ދިވެހިރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑް ދިރާގާ ހަވާލުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި އެވޯޑަކީ 2022 ގައި ދިރާގުން ދެއްކި އާދަޔާޚިލާފު ޕަރފޯމަންސްގެ އަލިގަދަ ހެއްކެއް." އޫކްލާގެ ސީ.އީ.އޯ، ޑަގް ސަޓްލްސް ވިދާޅުވިއެވެ. 

އޫކްލާއަކީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ނެޓްވަރކް ޓެސްޓްކުރާ އެކި އެޕްލިކޭޝަން، ޑޭޓާ އަދި އެނަލަސިސް ހެދުމުގައި ދުނިޔޭގެ ފެންވަރުގެ މާހިރުންނެވެ. މިގޮތުން އޫކްލާގެ ފްލެގްޝިޕް ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓް އިން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނެޓްވަރކްތަކުގެ ޕާރފޯމަންސާއި ކޮލިޓީއާ ބެހޭ ގޮތުން ގިނަ މަޢުލޫމާތު އެއްކުރެއެވެ. 

ދިރާގަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 ޕަސެންޓް މޮބައިލް 4ޖީ ކަވަރޭޖް ފޯރުކޮށްދީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. މިގޮތުން އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުން ފާގަތިކޮށް، ހަރުދަނާ އަދި ބާރުވެރި ޑިޖިޓަލް މުޖުތަމައުއެއް ބިނާކުރުމަށެވެ.

 

މިއަދު އޮންލައިން