އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ފާފައެއް ކުރެވުމުން އެކަމުން ތައުބާވުމަށް ރަނގަޅު ވަގުތެއް ޖެހެންދެން އެބަ މަޑުކުރެއެވެ! ބައެއް މީހުން މަޑުކުރަނީ ރަމަޟާން ަމސް އަންނަންދެންނެވެ. އެމީހުންނަށްވާގޮތަކީ ރަމަޟާން މަސް އައުމުން ދެން މަޑުކުރެވެނީ ފަހު ދިހަ އަންނަންދެންނެވެ. ދެން މަޑުކުރެވެނީ 27 ވިލޭރޭ އަންނަންދެންނެވެ.
ހަމަކަށަވަރުން މިއީ އެއްވެސް ޙާލެއްގައި ކުރަން އޮތްކަމެއް ނޫނެވެ.
އަހަރެންގެ ބަސް އަޑުއަހާށެވެ! ފާފައެއް ކުރެވެމުން ގޮސް މެދުތެރެއިންނަމަވެސް މިކުރެވެނީ ފާފައެއްކަން ހިތަށް ވަދެއްޖެނަމަ އަވަހަށް އެފާފަ ކުރުން ހުއްޓާލައި ތައުބާވުމަށް އަވަސްވެގަންނާށެވެ! އަދި ވިއްދައިގެން ހެޔޮ ޢަމަލެއްވެސް ކުރާށެވެ!
ތައުބާވުމަކީ ފެންވަރައި ރީތިވެ ޒީނަތްތެރިވެގެން ކުރަން އޮތްކަމެއް ނޫނެވެ. ވަކި ދުވަހެއްގެ ވަކިވަގުތަކު ކުރަން އޮތް ކަމެއްވެސް ނޫނެވެ. ތައުބާވާން ބޭނުންވާ ވަގުތު ޖެހުމުގެ ކުރިން މަރުގެމަލާއިކަތާ ވަޑައިގެން ފުރާނަ ހިއްޕަވައިފާނެކަމަށް ބިރުވެތިވާށެވެ!
ފާފަކުރެވެނީ ހިތްމަރުވުމުންނެވެ. އެހިތަށް ދިރުން ލިބުންވަނީ ތައުބާވެ ޛިކުރުކުރުމުންނެވެ! މަރުިވެފައިވާ ހިތެއް ހިފައިގެން އުޅޭ މީހަކަށް ތެދުމަގު ފެންނާނީވެސް ކިހިނަކުން ހެއްޔެވެ؟ ހިތަށް ދިރުން ނުދީ ހިތް ޠޯހިރެއް ނުކުރެވޭނެއެވެ!
--ޝައިޚް އަބޫބަކުރު ޒައުދު