ޤިޔާމަތް ދުވަހު ޙާފިޡެއްގެ ދަރަޖައިގަ މަޙްޝަރުވާން ބޭނުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޤިޔާމަތް ދުވަހު ޙާފިޡެއްގެ ދަރަޖައިގަ މަޙްޝަރުވާން ބޭނުންހެއްޔެވެ؟

ޙާފިޡަކަށްވުމުގެ ވާހަކަ ދައްކާއިރަށް ގިނަބައެއްގެ ގައިން ހީބިހިނަގަންފަށައެވެ. ފެންނަނީ ހިތުދަސްކުރަންޖެހޭ ބޮޑު ފޮތެވެ. ޞަފްޙާތަކުގެ ގިނަކަމެވެ. އެތައް ހާސް އާޔަތެއް ހިތުދަސްކުރަންޖެހޭ ކަމެވެ. 

ހިތް ކިތަންމެ ގައުނަމަވެސް ޙާފިޡަކަށްވުމަށް ނިޔަތް ގަނެގެން މަސައްކަތް ފެށުމުގެ ފައިދާ ވަރަށް ބޮޑެވެ. ރަނގަޅަށް ވިސްނާށެވެ! ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ނިޔަތުގައި ދުވާލަކު އެންމެ އާޔަތެއް ދަސްކުރަމުން ދަނިކޮށް އެމީހަކު މަރުވީއެވެ. 

ﷲ ތަޢާލާ މީސްތަކުންނަށް ޖަޒާދެއްވަވަނީ އެމީހާގެ ނިޔަތުގެ މައްޗަށެވެ. އެހެންކަމުން ކީރިތި ޤުރްޢާން ހިތުދަސްކުރުމުގެ ނިޔަތުގައި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަން ފަށައި ދުވާލަކު އެންމެ އާޔަތެއް ނަމަވެސް ދަސްކުރަމުން ދަނިކޮށް އެމީހަކު މަރުވެއްޖެނަމަ އެމީހަކަށް އެހައިތަނަށް ދަސްކުރެވިފައިވަނީ ކިތަންމެ މަދު އާޔަތެއް ނަމަވެސް އެމީހަކު މަޙްޝަރުކުރައްވަވާނީ ޙާފިޡެއްގެ ގޮތުގައެވެ. ޙާފިޡެއްގެ ދަރަޖައިގައެވެ. 

ވީމާ އަހުރެން ބުނާނީ ބިރުނުގެން، ފަސް ނުޖެހި ޙާފިޡަކަށް ވުމަށް އަވަހަށް ނިޔަތް ގަންނާށެވެ! އެކަމަށް މަސައްކަތްފަށާށެވެ! މިރޯދަމަހުވެސް އެކަމަށް މަސައްކަތްފަށާށެވެ. ޙާފިޡެއްގެ ދަރަޖައިގައި މަޙްޝަރުކުރައްވަވައިފިނަމަ އެމީހަކަށް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ! އެމީހަކުވާނީ ސުވަރުގޭގައެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން