ރޯދައިގެ ޘަވާބު އިތުރުކޮށްލަން ނުހަނު ފަސޭހައިން ކޮށްލެވިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ރޯދައިގެ ޘަވާބު އިތުރުކޮށްލަން ނުހަނު ފަސޭހައިން ކޮށްލެވިދާނެ ބައެއް ކަންކަން-

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީސްތަކުންނަށް ޤަދަރުކުރާށެވެ. އެއިރުން ތިބާގެ ޤަދަރު ﷲ ތަޢާލާ މަތިވެރިކުރައްވަވާނެތެވެ. މީސްތަކުންނަށް ކަންކަން ފަސޭހަކޮށްދޭށެވެ. އެއިރުން ދުނިޔެއާއި އާޚިރަތުގައިވެސް ﷲ ތަޢާލާ ތިބާއަށް ކަންކަން ފަސޭހަކޮށްދެއްވަވާނެތެވެ. 

މިފަދަ ރަމަޟާން މަހެއްގެ ދުވަސްތައް ފާއިތުވަމުންދާއިރު އެންމެ ހިނދުކޮޅަކަށްވެސް ތިމާއަކީ މާމަތިވެރި މީހެއްކަމަށް ނުދެކޭށެވެ. ބޮޑާވެގެން ނުހުންނާށެވެ. ރޯދަމަހާއި އަޅުވައި މިހެން ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެމީހެއްގެ ކިބައިގައި ބޮޑާކަމާއި ކިބުރުވެރިކަން ހުރިނަމަ އެމީހަކަށް އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެތީއެވެ. އެހެންވެއްޖެނަމަ ހިފާ ރޯދައިން ލިބޭނީ ކޮން ޘަވާބެއް ހެއްޔެވެ؟ 

ތިމާއަކީ ކިތަންމެ މަތިވެރި މަޤާމެއްގައި ހުރި މީހަކުނަމަވެސް ނިކަމެތިންގެ ތެރެއަށް ނުކުންނާށެވެ! އެމީހުންގެ ޙާލުބަލައި އެހީތެރިވާށެވެ! އެކަމުގެ ސަބަބުންވެސް އެމީހެއްގެ ދަރަޖަ މަތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ 

ތިބާއަކީ ﷲ ތަޢާލާ މަތިވެރިކަން ދެއްވަވާފައިވާ މީހަކަށްވެދާނެއެވެ. އެހެނަސް ތިމާއަކީ މާމަތިވެރިމީހެއް ކަމަށް ނުދެކޭށެވެ. އެހެންނޫނީ ޖެހޭނީ ޝައިޠޯނާއަށް ޖެހުނު ޙާލެވެ. 

އަހަރެމެން އެއްވެސް މީހަކަށް މަތިވެރިކަން ލިބިފައިވާނަމަ އެއީ އަހަރެމެންގެ މޮޅުކަމަކުން ނޫނެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަމުންނެވެ. ވީމާ އަބަދުވެސް ވިސްނަން ޖެހޭނީ މިހިނދުގައިވެސް ތިމާއަކީ އެންމެ ދަށުދަރަޖައިގެ މީހަކަށްވެގެން ހިނގައިދާނެކަމަށެވެ. 

އެނގޭހެއްޔެވެ؟ ތިބާގެ އަތުން އެއްޗެއް ދަރަންޏަށް ނަގާފައިވާ މީހަކު ހުރީ ދަތިޙާލުގައި ކަމަށްވެގެން އޭނާއަށް ވަޤުތު ދީފިނަމަ އެމީހަކަށް އެކަމުގެ ބަދަލު ޤިޔާމަތްދުވަހު ދެއްވަވާނެތެވެ. ވީމާ އެކަމުންވެސް އެނގިގެންދަނީ އެހެން މީހުންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ. ޢަމްދުން ރޯދަމަހު މީސްތަކުން ދަތިޙާލުގައި ތިބޭއިރު އެމީހުންނަށް ތަކްލީފްތައް ނުޖައްސުވާށެވެ. ދަރަނިއަދާކުރަން ނުޖައްސުވާށެވެ. އެމީހުންނަށް އެހީތެރިވާށެވެ. 

މިބަޔާންކުރި ކަންކަން ކުރުމަކީ އެމީހެއްގެ ކިބައިގައި އިޚްލާޞްތެރި ނިޔަތެއް އޮތްނަމަ ކުރަން އުނދަގޫވާނެ ކަންކަމެއް ނޫނެވެ. އަދި ކޮށްފިނަމަ ހިފާ ރޯދަ އިތުރަށް ފުރިހަމަވެ ޤިޔާމަތްދުވަހު އެކަމުގެ ފައިދާ ނުހަނު ބޮޑަށް ފެނިގެންދާނެ ކަންކަމެވެ. އިންޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން