ދުނިޔޭގައި ތިމާއަށް މިއުޅެވެނީ ކޮންބައަކާއިއެކުގައިކަން ނުވަތަ ކޮންބައަކު އުޅޭގޮތަށް ނުވަތަ ކޮންބައަކު އުޅުނު ގޮތަށްކަން ވަރަށް ބޮޑަށް ބަލަންވާނެއެވެ. އެއީ ހެޔޮ ކަންތައްތައް ކުރަން ހިތްވަރުދީ ވާގިވެރިވާ ބައަކު ނޫންނަމަ އެބައަކާއި ދުރުހެލިވާންޖެހޭނެއެވެ. އެފަދަ މީހަކާއި އެކުގައި އުޅުމެއްވެސް އަދި އެފަދަ މީހަކަށް ރުހިގެން އުޅުމެއްވެސް ނެތެވެ. ބިރުވެތިވާންވީ ސުވަރުގެ ނުލިބިދާނެކަމަށެވެ. ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށެވެ.
ކީރިތި ޤުރްއާނުގައި "ޖަމާޢަތްތައް" ނަމުގަ ސޫރަތެއްވެއެވެ. އެއީ 39 ވަނަ ސޫރަތް އައްޒުމަރް"އެވެ.
ޤިޔާމަތް ދުވަހު މީސްތަކުން ސުވަރުގެ ވައްދަވާނީވެސް އަދި ނަރަކައަށް ވައްދަވާނީވެސް ޖަމާޢަތްތަކެއްގެ ގޮތުގައެވެ. އެމީހަކު އެބައަކާއިއެކުގައި އުޅުނު މީހުންނާއިއެކުގައެވެ. އެބައަކާއި އެއްގޮތަށް އުޅުނު މީހުންނާއިއެކުގައެވެ.
އެކުވެރިންކަމުގައިވެސް އަދި ބައިވެރިން ކަމުގައިވެސް އިޚްތިޔާރުކުރަން އޮތީ ހެޔޮލަފާ މީހުންނެވެ. އެމީހެއްގެ ސަބަބުން ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކޮށްދޭނެ މީހުންނެވެ. މުހިންމީ އެމީހެއްގެ ސަބަބުން އަތަށްއަރާ ފައިސާގެ ޢަދަދެއް ނޫނެވެ! ސުވަރުގެއާއި ގާތްވެވޭ މިންވަރެކެވެ.
--މުފްތީ މެންކުގެ ދަރުސަކުން